އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ނިންމާލައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މި މައްސަލައިގެ އަޑުއެހުން އިއްޔެ ފަށާފައިވާއިރު މިއަދު ވަނީ އަޑުހެންތައް ނިންމާލައިފަ އެވެ. އަޑުއެހުން ނިންމަވާލެއްވިކަން އިއުލާނު ކުރައްވާ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ވީއެންމެ އަވަހަށް މައްސަލައިގައި ގޮތެއް ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތިން ފަރާތަކުން ތަދައްޚުލުވެފައިވެ އެވެ. އެއީ ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެމްޑީޕީން އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން ޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ. މީގެއިތުރުން އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައިގައި ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވެސް އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސްއަށް ކުރިއަށް ނުގެންދެވޭ ހާލަތުގައި އާންމު މެމްބަރަކު ރިޔާސަތު ބަލަހައްޓަވައިގެން ނަމަވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދަ ޑިމޮކްރެޓްސް ޕާޓީން މި މައްސަލައިގައި އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އަދި މަޖިލީހަށް ހުށަހެޅިފައިނުވާތީ މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ޑިމޮކްރެޓްސްއިން ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަންނަންޖެހޭވަރުގެ ކަމެއް އަދި ނެތްކަމަށް ވެސް ބުނެފަ އެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ