ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަނީ

ޚަބަރު ފަހުގެ

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ މއ. ކޮޓްންވިލާ، އުމުރުން 40 އަހަރުގެ އަޙްމަދު ސަފްނީޒް އާއި ގއ. ކޮލަމާފުށި އަސަރީގެ، އުމުރުން 23 އަހަރުގެ މުޙައްމަދު ސާއިފް ޢަލީ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަޙްމަދު ސަފްނީޒް ހޯދަމުންދަނީ ހުއްދަނޫން ގޮތުގައި ޖިންސީ މުޢާމަލާތެއް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 13ވަނަ ދުވަހުގެ 9:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ސާއިފް ޢަލީ ހޯދަމުންދަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 13ވަނަ ދުވަހުގެ 13:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ