މިއީ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު، އެދެނީ އައު ސަރުކާރަށް ކާމިޔާބީ: ރައީސް

ޚަބަރު ފަހުގެ

އަންނަ ހުކުދު ދުވަހު ފެށޭ އައު ސަރުކާރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބަށް އެދިވަޑައިގެންފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަމަށެވެ. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއްކަމަށްވެސް ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވެރިކަމުގެ ޙައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް މި ފަސް އަހަރު އެމަނިކުފާނު ބޮޑު އިސްކަމެއް ދެވިކަމަށެވެ. ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިންކަމަށާއި، ދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކަށް އިސްކަންދިނިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފަރުދީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ސަރުކާރުން ހިފިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވާޖިބު އަދާކުރުމުގައި އިންޞާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އެމަނިކުފާނު މަސައްކަތްކުރެއްވިކަމަށެވެ.

“އަޅުގަނޑު އެދެނީ، އާ ސަރުކާރަށް ކާމިޔާބީ. ރައްޔިތުންނަށް ޞުލްޙަވެރި އުފާވެރި އަމާން ދުވަސްތަކެއް. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން.”ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމިއްލަވަންތަ އިސްލާމީ މިނިވަން ޖުމްހޫރީ މި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ބޮޑުކަމަށެވެ. މި ފާއިތުވި 55 އަހަރު އެންމެ ހިނދުކޮޅަކަށް ވެސް އެކަން މި ރާއްޖެއިން ފިލައިނުދާކަމަށާއި، މިއަދު ވެސް އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ އެ އުފަލާއި ފަޚްރުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ