ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވައިފި އެވެ.
އެ މަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ އެކަން އަންގަވާ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއަށް މިއަދު ފޮނުއްްވި ސިޓީފުޅަކުންނެވެ.
އެ ސިޓީފުޅުގައި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލަ ތަކާއި އެ މައްސަލަތަކުގެ ސަބަބުން ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރަމުންދާ އަސަރުތަކާއިމެދު ވިސްނަވައިފިކަމަށާއި އެ މަނިކުފާނުގެ ނަޒަރުގައި އެމްޑީޕީގެ ފަރާތުން ޑިމޮކްރެސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާފަދަ އަމަލުތައް ހިންގައިފިކަމަށް ދެކިލައްވާ ކަމުގައި ފާހަގަ ކުރައްވައިފައެވެ.
އަދި މަޖިލީހުގެ ރައީސްކަމުގައި އެމަނިކުފާނު އިތުރަށް ދެމިހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން އިތުރަށް ބޮޑުވެގެންދާނެތީ އެމަނިކުފާނު އެމަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
އެމަނިކުފާނުގެ އިސްތިއުފާއަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި، ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުއްމީދުކުރައްވާކަމަށްވެސް ސިޓީގައިވަނީ ބަޔާންކުރައްވާފައެވެ.