ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޓީމް ހަނިމާދޫއިން ހޯދައިފިއެވެ.
ރޭ ވައިކަރަދޫ ވޮލީ ކޯޓުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ޓީމް ހަނިމާދޫއެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަނިމާދޫއިންނެވެ.
މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/14، 24/26، 25/20، 25/18) އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރ 19، ޝަމާއިލް ހުސެއިން އެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
* އިސްމާއިލް ސާޖިދު، ޓީމް ހަނިމާދޫ
* އާދަމް ނަސީމް، ޓީމް ނައިވާދޫ
* އާދަމް ފައިރޫޒް، ކްލަބް ކޮރަލްސް
* އަލީ މައުރޫފް، ޓީމް ހަނިމާދޫ
* އަލީ ޝައިމަލް، ޓީމް ނައިވާދޫ
* ޝުއައިބު އަބްދުއްލަތީފް، ޓީމް ހަނިމާދޫ
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހަނިމާދޫ ޓީމްގެ ކޯޗް، މުހައްމަދު ނާސީރު ހޮވުނުއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަށް ހޮވިފައި ވަނީ ޓީމް ހަނިމާދޫއެވެ.
މީގެ އިތުރުން ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023 ގެ އަންހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ވަނީ ހޯދަފައެވެ.
މިއީ މި މުބާރާތް ލައިކަން އިން ވިދިވިދިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމް ވަނީ (2023 ،2022، 2021) މި ތިން އަހަރުގެ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދާފައެވެ.
ފައިނަލް މެޗު އިއްޔެ ހަވީރު ވައިކަރަދޫގައި ކުޅެފައިވާއިރު، ފައިނަލުގައި ލައިކަންއާއި ވާދަކުރީ ޓީމް ހަނިމާދޫއެވެ. ލައިކަން އިން ވަނީ ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. ސެޓުތައް ގޮސްފައި ވަނީ (16/25، 25/16، 25/16، 25/15) އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލައިކަންގެ ޖޯޒީ ނަމްބަރ 11، އައިމިނަތު ޖޫޒާން ޒަރީރު އެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
*ހައްވާ ރާޝިދާ ،– ޓީމް ހަނިމާދޫ
*އައިމިނަތު އަރީޝާ، – ނޮޅިވަރަންފަރު ލައިކަން
* ފާތިމަތު ޖޫޒާން ޒަރީރް،– ނޮޅިވަރަންފަރު ލައިކަން
* އައިޝަތު އުނައިޝާ، – ނޭކުރެންދޫ ވިމެންސް ވޮލީޓީމް
* މަލްދާ މަސްއޫދު’– ޓީމް ހަނިމާދޫ
*ހައްވާ ސަޚާ’ – ނޮޅިވަރަންފަރު ލައިކަން
އެންމެ މޮޅު ކޯޗަކަށް ލައިކަންގެ ކޯޗް، އަބްދުއްރަޝީދު މުހައްމަދު ހޮވުނުއިރު ފެއާޕްލޭ ޓީމަށް ހޮވުނީ ވައިކަރަދޫ ވިޔެސް އެވެ.