ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ރަސްމީކޮށް އެދިއްޖެ

ޚަބަރު ފަހުގެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާއި ގުޅޭ އިތުރު ތަފްސީލް ރައީސް އޮފީހުން ހާމަނުކުރައްވައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ވެރިކަމުގެ އެންމެ ކުރީކޮޅު އެދިވަޑައިގަންނަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.

ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެދިވަޑައިގަންނަވާނެކަމަށާއި، އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކުރެވުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް ދިވެހިން ނޭދޭކަމަށެވެ. އެގޮތުގެ މަތިން، ވީ އެންމެ އަވަހަކަށް ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް، އެ ޤައުމުގެ ސަރުކާރާއިއެކު، ވާހަކަދައްކަވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ