ދިވެހިން އިމުގާ ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް އިމިގްރޭޝަނުން ނިންމައިފި

ޚަބަރު ފަހުގެ

ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ‘ޓްރެވެލަރ ޑެކްލަރޭޝަން’ ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް އިމިގްރޭޝަނުން ނިންމަވައިފިއެވެ.

އިމިގްރޭޝަނުން ބުނީ މި ނިންމުމަކީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ރަސްމީކޮށް ވަޒީފާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައި، އިއްޔޭ ފެށިގެން ‘ޓްރެވެލަރ ޑެކްލަރޭޝަން’ ފޯމު ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ނިންމަވާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރި ކުރުމުގެ ގޮތުން 2020 ޖުލައި 15 ވަނަ ދުވަހު ‘ޓްރެވެލަރ ހެލްތް ޑެކްލަރޭޝަން’ ފޯމު އަލަށް ތަޢާރަފްކުރެވުނެވެ. އަދި އެއަށްފަހު، 2021 މާރިޗު 14 ވަނަ ދުވަހު މި ފޯމު ވަނީ އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި ‘ޓްރެވެލަރ ޑެކްލަރޭޝަން’ ގެ ނަމަށް ބަދަލުކޮށްފައެވެ. އަދި މި ފޯމު ރާއްޖެއަށް އަންނަ އަދި ފުރާ އެންމެހާ ފަރާތްތަކުން ފުރިހަމަކުރަން ޖެހެއެވެ.

‘ޓްރެވެލަރ ޑެކްލަރޭޝަން’ ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ނިންމެވީ މި ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކްލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އިމިގްރޭޝަންގެ ޚިދުމަތްތައް އަބަދުވެސް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ