ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފައްދަން ޔާމީން ނިންމަވައިފި: ޖަމީލް

ފަހުގެ ސިޔާސީ

ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު، އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީއިން ވަކިވެވަޑައިގެން އަމިއްލަފުޅު އާ ޕާޓީއެއް އުފައްދަވަން ނިންމަވައިފައިވާކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މި ކަމާ ގުޅިގެން އިތުރު ތަފްސީލް ހާމަކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ ޔާމީން ޕީޕީއެމާ ދުރަށް ވަޑައިގަންނަވަން ނިންމެވީ ގިނަ ސަބަބުތަކަކާ ހެދިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ ނިމިދިޔަ ފަސް އަހަރު ރައީސް ޔާމީން ހުންނެވީ ޖަލު ހުކުމެއްގައި ސިޔާސީ ބަންދެއްގައިކަމަށެވެ. ނަމަވެސް އެ މަނިކުފާނު އިސްވެ ގެންދެވީ ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެ ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމަކީ ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ޖަމީލް ސިފަކުރެއްވިއެވެ.

ނަމަވެސް އެހާ ހިސާބުން ވެސް ރައީސް ޔާމީން އިސްކުރެއްވީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ގޮތުގައި ކަންކަން ނިންމެވުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމަށް އެ މަނިކުފާނު ނިންމެވި ސަބަބުކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

“އޭގެ ނަތީޖާއެއްގެ ގޮތުން ޕީޕީއެމް ޕީއެންސީގެ ފަރާތުން ކެންޑިޑޭޓެއް އިސްކުރައްވައިގެން ގޮސްފައި މިހާރު މިވަނީ ހަގީގަތުގައި ވެރިކަން ބަދަލުވެފައި. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ވެސް އެ މަނިކުފާނުގެ އާއިލާއިންނާއި އެ މަނިކުފާނު ހުދު ކުރެއްވި މަސައްކަތްޕުޅުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ފެންނަން އޮތް ވަރަށް ބުރަ މަސައްކަތްތަކެއް،” ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ޑރ. މުއިއްޒު އިންތިޚާބު ކުރެއްވީ ރައީސް ޔާމީން މިނިވަންކުރެއްވުމަށް ޓަކައި ކަމަށެވެ. ގައުމުގެ މިނިވަންކަމާއި ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ކަމަށެވެ.

އެގޮތުން ވެރިކަމަށް ބަދަލުވުމަށް ފަހު ފުރަތަމަ ކަމަކަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯއްދަވައި މިނިވަންކަން ހޯއްދަވައިދެއްވާނެކަމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

“އަޅުގަނޑު މިއަދު ކަށަވަރުކޮށްދޭން ބޭނުންވޭ ރައްޔިތުންނަށް، ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހުގައި ޑރ. މުއިއްޒު މިއަދާ ހަމައަށް ވެސް ރައީސް ޔާމީންގެ ފޯނެއް ވެސް ނުނަންގަވާ. އަދި ހަމައެއާއެކު ޕީޕީއެމްގެ ލީޑާޝިޕުން ވެސް މިވަނީ ރައީސް ޔާމީނާ ދުރަށް ޖެހިވަޑައިގެންފައި،” ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ގޮތުން އޮތް އެންމެ ބޮޑު މަސައްކަތް ކަމަށެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން އެ މަސައްކަތުގައި އިސްވެ ހުންނަވައިގެން ކުރިއަށް ދިއުމަށްކަމަށް ޖަމީލް ވިދާޅުވިއެވެ.

“ޕީޕީއެމްގައި ތިބި ލީޑާޝިޕްގެ އަމަލުތަކާއި އެބޭފުޅުން އަމަލުކުރައްވަމުން ގެންދަވާ ގޮތާއި، އަދި އެ ބޭފުޅުން އެ މަނިލުފާނުގެ މަޝްވަރާ ހޯއްދަވަން ބޭނުންފުޅު ނުވާތީއާއި، އެ މަނިކުފާނުގެ ގިޔާދަތު އެ ބޭފުޅުން ބޭނުންވެވަޑައި ނުގަންނަވާތީއާއި މި ކަންތައްތައް މިހެން އޮތުމާއެކީގައި މިރޭ ހަގީގަތުގައި ރައީސް ޔާމީން މިހާރު ނިންމަވައިފައި މިވަނީ ޕީޕީއެމް ދޫކުރައްވަން،” ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ މިއަދު ޕީޕީއެމް އޮތީ ވަކި ވަޔަކު ހައިޖެކްކޮށްފައިކަމަށެވެ.

އެއާއެކު ދެން ރައީސް ޔާމީން މަސައްކަތްކުރައްވާނީ އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިގެންކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ