މަސްއޫލިއްޔަތާ ބެހޭގޮތުން ސުވާލުކުރެވޭނެ، ފަރުވާތެރިވޭ: ހުތުބާ

ދީން ފަހުގެ

ތިމާއާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ގިޔާމަތްދުވަހު ސުވާލު ކުރެވޭނެ ކަމަށާއި އެހެންކަމުން މިއަދު އެ މަސްއޫލިއްޔަތުތަކަށް ފަރުވާތެރިވެ އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތުތައް އަދާކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

‘އަމާނާތްތެރިކަމާއި މަސްއޫލިއްޔަތު’ މި މައުލޫގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ހުތުބާގައިވަނީ މީހުންގެ މައްޗަށް މަސްއޫލުވެރިއަކު ހުންނަންޖެހެނީ އެމީހުންގެ ކަންކަން އިސްލާހުކޮށް ބަލަހައްޓައި އެމީހުންގެ ކަންކަން އޮޅުންބޮޅުންވެ ފާލުންނެއްޓިގެން ދިޔަ ނުދިއުމަށްޓަކައިކަމަށް ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ކަންކަމާ ހަވާލުވެތިބޭ މަސްއޫލުވެރިން އެ މަސްއޫލިއްޔަތު އަދާނުކޮށް ޒާތީ މަސްލަހަތު އިސްކޮށް ނަހަމަގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށްފިނަމަ އެ ވެވުނީ އަމާނާތަށް ހިޔާނާތްތެރިކަމަށް ހުތުބާގައި ބުނެދިނެވެ.

ހުތުބާގައި ބުނީ ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާއި ހަވާލުވާ ބައެއް މީހުންގެ ކިބައިގައި އެމީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނުހުންނާނެކަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާކަމަށެވެ.

“މީހަކު ނަބިއްޔާގެ އަރިހުގައި ދެންނެވި ގިޔާމަތްވާނީ ކޮންއިރަކުތޯއެވެ. ނަބިއްޔާ ހަދީސްކުރެއްވިއެވެ. އަމާނާތްތެރިކަން ނަގައިލެވިއްޖެނަމަ ގިޔާމަތްދުވަހަށް އިންތިޒާރުކުރާށެވެ. އޭނާ ދެެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަމާނާތްތެރިކަން ނަގާލެވޭނީ ކިހިނަކުންތޯއެވެ؟ ހަދީސްކުރެއްވިއެވެ. އެކަމުގެ ގާބިލުކަމާއި އަހުލުވެރިކަން ނެތް މީހަކާއި ކަންކަން ހަވާލުކުރެވިއްޖެނަމަ ގިޔާމަތައް އިންތިޒާރުކުރާށެވެ.”
ހުތުބާ
ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މާނަ އޮޅިފައިވާކަމަށާއި އެއީ ފަހުރުވެރިކަމާއި ޝަރަފުވެރިކަންކަމުގައި ބައެއް މީހުން ހީކުރާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ތިމާގެ ބާރު ދެއްކުމަށް ހުޅުވޭ ދޮރެއްކަމަށް ދެކި ފިނި ކޮޓަރީގައި ބޭޒު ދޮށުގައި އިނދެ ކަންކަމަށް އަމުރުކުރުމަކީ އެފަދަ މީހުންގެ އަމާޒުކަމަށެވެ. މަސްއޫލިއްޔަތާއި ބެހޭގޮތުން ގިޔާމަތްދުވަހު ސުވާލުކުރައްވާނޭ ކަން ތަކުރާރުކޮށް ޚުތުބާގައި ހަނދާން ކޮށްދިނެވެ.

“ދިހަ މީހެއްގެ ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ވެރިއަކަށް އިސްވި މީހާ ﷲ ގެ ހަޒްރަތަށް ގެނެވޭނީ ކަސްތަޅު އެޅިގެންވާ ހާލުގައެވެ. ނުވަތަ އޭނާގެ ކަސްތަޅު ނައްޓާދޭނީ އޭނާގެ ހެޔޮ އަމަލެވެ. ކަސްތަޅުގައި އޭނާ ބަދެލާނީ ނުބައި އަމަލުތަކެވެ. އަދުލުވެރިނުވެވޭނަމަ ވެރިކަމުގައި އޮތީ މީސްތަކުންގެ މަލާމާތެވެ. މެދުތެރޭގައި އޮތީ އެކަމަށް ހިތާމަކުރުމެވެ. ގިޔާމަތްދުވަހު އޮތީ ދެރަކަމާއި ނިކަމެތިކަމެވެ”.
ހުތުބާ

ހުތުބާގައި ވަނީ މަސްއޫލިއްޔަތަކީ ފަސޭހަކަމެއްކަމަށް ހީނުކުރުމަށް ގޮވާލާފައެވެ. އެއީ އަމުރުކުރުމާއި ބައެއްގެ މައްޗަށް ގަދަވެގަތުން ނޫންކަމަށާއި އެއީ ޒިންމާތަކެއް ކަން ބުނެދިނެވެ.

އެހެންކަމުން ދީނާއި އަގީދާގެ މަސްއޫލިއްޔަތުތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހުތުބާގައި ގޮވާލިއެވެ. މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނެތްނަމަ އެފަދަ މަސްއޫލިއްޔަތުތަކާއި ހަވާލުނުވުމަށާއި މަސްއޫލިއްޔަތު އަދާނުކުރެވުނު މީހުންނަށް ގިޔާމަތްދުވަހު އެކަންވާނީ ހިތާމައަކަށްކަމަށް ހުތުބާގައި ބުނެދިނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ