ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ

ފަހުގެ ސިޔާސީ

ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ ކަމަށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމާ ގުޅޭގޮތުން ހަބީބު ވިދާޅުވީ، ގާނޫނުއަސާސީގެ 30 ވަނަ މާއްދާއިން، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުގުވެރިވާކަން ބަޔާންކޮށްފައިވާ ޝަރުތު ހަމަވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ދިވެހި ރައްޔިތަކަށްވުމާއި، ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުމާއި، އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުމާއި، ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއްކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 3 އަހަރުދުވަސް ވެފައިވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ކުޑަކުދިންނާ ބަދުއަޚުލާގީ އަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އަދި ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކައާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކައާއި ކުލަ އާއި ދިދައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު މިހެން ވިދާޅުވެފައި މިވަނީ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

އައު ޕާޓީ އުފެއްދެވުމާ ގުޅޭގޮތުން ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އައު ޕާޓީ އުފެއްދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ނިންމަވާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށެވެ. އަދި އެއަށްފަހު އައު ޕާޓީގެ ނަމާއި ލޯގޯ ޔާމީން ހާމަކުރައްވާނެ ކަަމަށެވެ. މަލީހު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި އެންމެ އަވަސް މުއްދަތެއްގެ ތެރޭގަައި ޕާޓީއެއް އުފެއްދުމުގެ ރިކޯޑް ހެދުމަށް އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ކަލޯ ނަމެމެން ނިދާފަތޯ ތިބީ ބުރޯ ޙާޓީ ހެދީވެސް ކުއްވެރިޔެގެ ގޮތުގަ ހުރެ ކޮބާތޯ އިލެނުސަން ކޮމިސަން އޭފުގަ