3 ނޮވެމްބަރު 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީގެ ޙުކުމްތައް ތަންފިޒްކޮށް ނިމި މިއަދު މިނިވަން ވެއްޖެއެވެ.
ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ.
އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.
މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ. ޢުމުރަށް ޖަލަށްލުން ކަމަށް ގާނޫނީ ގޮތުން ބަލަނީ 25 އަހަރަށެވެ.
ނަމަވެސް ޙުކުމް ތަންފީޒުކޮށް ނިމެން 4 ވަރަކަށް އަހަރުވެފައިވަނިކޮށް އޭނާ ވަނީ ފިލާފައެވެ. އޭނާ ފިލާފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ “އިންޓަރޕޯލް” މެދުވެރިކޮށް އޭނާ ހޯދުމަށް “ރެޑް ނޯޓިސް” ވެސް ނެރެފައެވެ.
ލުޠުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 2021 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ޙާޒިރުވުމުންނެވެ. ފިލައިގެން ދިޔަ މައްސަލައި އޭނާ ހަތް މަހާއި 18 ދުވަހަށް ޖަލަށްލުމަށް ޙުކުމް ހުރިއެވެ. އޭނާ ފިލައިގެން ނުދިޔަނަމަ 2014 ވަނަ އަހަރު މިނިވަންވާނެއެވެ.
މާފުށީ ޖަލުގައި އޭނާ ޙުކުމް ތަންފީޒްކުރަމުން އައިސް، ބަލި ހާލަތު ހުރިގޮތުން ފަހުން އޭނާ ހުރީ ހުޅުމާލޭ ޖަލަށް ބަދަލުކޮށްފައެވެ. މިނިވަންވިއިރު ހުރީ ހުޅުމާލޭ ޖަލުގައެވެ.
ލުތުފީއާއެކު ނޮވެމްބަރު 3ގެ އުދުވާނުގައި ޢަމަލީ ގޮތުން ބައިވެރިވި ސަގަރު އަހުމަދު ނާސިރުވެސް ވަނީ 2014 ވަނަ އަހަރު މިނިވަންވެފައެވެ.