އިމިގްރޭޝަނުން “އީ-ގޭޓް”ގެ ޚިދުމަތް އަލުން ފަށައިފި

ޚަބަރު ފަހުގެ

ދިވެހިންނަށް ފަސޭހަކަމާއެކު “ސިމްލެސް ޓްރެވެލް”ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން “އީ-ގޭޓް”ގެ ޚިދުމަތް އަލުން ފަށައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް އިމިގްރޭޝަންގެ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށްދީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން މެދުކެނޑިފައި އޮތް ‘އީ-ގޭޓް’ގެ ޚިދުމަތް އަލުން ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

‘އީ-ގޭޓް’ގެ ޚިދުމަތް މެދުކެނޑާލީ ކޯވިޑް-19ގެ ހާލަތާއެކުއެވެ. ނަމަވެސް، އަނެއްކާވެސް ދިވެހިންނަށް މި އޮޓޯ ގޭޓު ބޭނުންކޮށް އަމިއްލައަށް އިމިގްރޭޝަން ކްލިއަރެންސް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

‘އީ-ގޭޓް’ އަކީ ވަރަށް ފަސޭހަ އިރުޝާދުތަކާއެކު އިމިގްރޭޝަން ކްލިއަރެންސް އެމީހަކު އަމިއްލައަށް ހޯދުމަށް ބަހައްޓާފައިވާ ގޭޓުތަކެކެވެ. އެގޮތުން، ފުރަތަމަ ބޯޑިން ޕާހުގައިވާ ބާކޯޑު ސްކޭނަރގައި ޖައްސާ ރީޑުކުރުމުން، ދެން ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކޭނަރގައި ޖައްސާ ރީޑްކޮށްލާނީއެވެ. އަދި ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގަރޕްރިންޓް ރީޑަރުގައި ޖެއްސުމުން ގޭޓު ހުޅުވޭނެއެވެ. ‘އީ-ގޭޓް’ގެ ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް އަދި ޑިޕާޗަރ ހޯލުގައިވެސް ބޭނުންކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް ‘ސީމްލެސް ޓްރެވެލް’ގެ ޚިދުމަތް ފުޅާކޮށް، ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުންކަމަށް ވަނީ ބުނެފައެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހު ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް ‘އިމުގާ ޓްރެވެލަރ ޑެކްލަރޭޝަން’ ފޯމު ފުރަން ނުޖެހޭ ގޮތަށްވަނީ ހަދާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ