ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯއްދަވައިދެއްވާނަން: ރައީސް

ޚަބަރު ފަހުގެ

ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެ ޤައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކޮށްފައެވެ. މީގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ހިއްސާކުރިއެވެ.

މީގެ އިތުރުންވެސް އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ޤައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސާ ހިއްސާކުރިއެވެ. އަދި ތަމްރީނުގެ ފުރުސަތުތަކާއި، ސްކޮލަރޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި، ބީއެމްއެލުން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންދާކަމުގައި ވިދާޅުވެފައެވެ.

ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ހާއްސަކޮށް 30 ސްކޮލަރޝިޕް ފުރުސަތު ދޭނެކަން ޔަގީންކޮށްދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފުރުސަތުތައް އަންނަ ޖެނުއަރީ މަހު ހުޅުވާލައްވާނެކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުންނާ ހަވާލާދީ އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީވިލާތަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މުސްތަގުބަލުގައި ތުރުކީވިލާތާއެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަގީންކަން އޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ