ސްޓެލްކޯގެ އެމްޑީއަށް ފަހުމީ، އާސަންދައަށް ޒީނިއާ

ޚަބަރު ފަހުގެ

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ހުސެއިން ފަހުމީ، އަދި އާސަންދަ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރަކަށް އައިމިނަތު ޒީނިއާ އައްޔަންކޮށްފިއެވެ.

ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖެއްސެވި، ހުސެއިން ފަހުމީއަކީ އެ ކޮންޕެނީގައި އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި އެއް މުވައްޒަފެވެ. އެގޮތުން، ސްޓެލްކޯ އާއި ފަހުމީ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯ އާއި ގުޅިވަޑައިގަތީ ޓްރެއިނީއެއްގެ ގޮތުގައެވެ. އެންމެ ފަހުން ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ. ފަހުމީ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އާސަންދަ ކޮންޕެނީގެ އެމްޑީއަކަށް އައްޔަންކުރެއްވި، އާއިމިނަތު ޒީނިއާ އަކީވެސް އެ ކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް މުވައްޒަފެވެ. އެގޮތުން، ޒީނިއާ އެންމެ ފުރަތަމަ އާސަންދަ އާއި ގުޅިވަޑައިގަތީ 2012 ވަނަ އަހަރުއެވެ. އޭނާއަކީ އެތަނުގެ އެންމެ ފުރަތަމަ މުވައްޒަފުވެސްމެއެވެ.

ޒީނިއާ ވަނީ އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމާއި ޖެނެރަލް މެނޭޖަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޒީނިއާ ވަނީ ނާސިން އާއި ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ