ނައީމާގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި

ޚަބަރު ފަހުގެ

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ތުހުމަތުވާ ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މިކަން ހާމަކުރައްވައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމާއި އަދި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައިގައި ދައުވާކޮށްފައިވަނީ އެރަށު ފެހިވިލާގެ، އުމުރުން 23 އަހަރުގެ އަހުޒަމް އަބްދުލްޝަކޫރުއާއި އެރަށު ވިނަރެސް އުމުރުން 21 އަހަރުގެ ހުސައިން ފަވާޒުގެ އިތުރުން އެރަށު ފިނިފެންމާގެ އުމުރުން 21 އަހަރުގެ އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާކުރަނީ ނައީމާ މޫސާ މަރާލުމަށް ފަހު، ނ. މަނަދޫ ނާމަގު ސަރަހައްދަށް ގޮސް އެތަނުގައި ވަޅެއް ކޮނެ، އެ އަމަލު ހިންގުމަށް ބޭނުންކުރި ވަޅި އާއި އެހެން އެއްޗެހި ނައްތާލަން އަންދާލާފައިވާތީ އާއި އަދި ހެކި ނައްތާލުމުގެ ބައިގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ކުރަނީ އެ ގޭގެ ދޮރު ތަޅުލާފައި ދިއުމުން ނައީމާގެ ހަށިގަނޑު އާއިލާއަށް ފެނުނީ 40 ގަޑިއިރު ފަހުން ކަމަށްވާތީއެވެ.

ސައިންޓިފިކް ހެކި ނުވަތަ ޑީއެންއޭ ހެއްކާއި އިތުރު ހެކި ލިބިފައިވާއިރު އެ ހެކިތަކަށް ބަލައި އެ ތިން މީހުންގެ މައްޗަށް ވެސް ދައުވާތައް ސާބިތުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އުމުރުން 62 އަހަރުގެ ނައިމާގެ ހަށިގަނޑު ފެނިފައިވަނީ، އޭނާގެ ޚަބަރެއް ނުވެގެން ހޯދަމުންދިޔަތާ ދެދުވަސް ފަހުން، އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު، އޭނާ ދިރިއުޅެމުންދިޔަ ގޭގެ ތެރެއިންނެވެ. ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ