ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސް އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.

އީވާ އިސްތިއުފާ ދެއްވާފައިވަނީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ، އެ މައްސަލައިގެ ޖަލްސާ ކުރިއަށް ދަނިކޮށެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ އާދީއްތަ ދުވަހު ބޭއްވި އިރު، އޭނާ ވަނީ އަމިއްލަފުޅު ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ވާހަކަފުޅު ނިންމަވާލައްވަމުން އީވާ ވަނީ މަޖިލީހުގެ ނާއިބްރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޤަރާރު މަޖިލީހަށް ބަލައިގަނެ، އެ މައްސަލައިގެ ނޯޓިސް އީވާ އާއި މެންބަރުންނަށް ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ތަޅުމަށް އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދުއެވެ. ގަރާރުގައި ބުނެފައިވަނީ މަޖިލީހުގެ ނާއިބުރައީސްގެ މަޤާމަށް އީވާ އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ކެންޑިޑޭޓުންގެ އިޤުރާރުގައި ސޮއިކުރައްވައިގެން ކަމަށާއި އިންތިޚާބުވެވަޑައިގަތުމުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް އެ އިޤުރާރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އަމިއްލަފުޅަށް އެދިވަޑައިގެން، އެމްޑީޕީގެ މެންބަރުކަމުން އީވާ ވަކިވެވަޑައިގެންފައިވާތީ އެ އަމަލަކީ އެ އިޤުރާރާ ޚިލާފުވުންކަން އެނގެން އެބައޮތް ކަމަށެވެ.

އަދި އެމްޑީޕީ މެންބަރުން އީވާއަށް ވޯޓްދީފައިވަނީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުން މަތީ ދެމިހުންނެވުމާއެކު އެމްޑީޕީއަށް އިހްލާސްތެރިވެވަޑައިގަންނަވާނެ ކަމަށް އިތުބާރުކޮށްގެންކަމަށް ވީނަމަވެސް، އެމްޑީޕީން ވަކިވެވަޑައިގަތުމުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން އީވާއަށް ކުރަމުންދިޔަ އިތުބާރު ގެއްލިފައިވާކަމަށް ވެސް އެ ޤަރާރުގައި ބުނެފައިވެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ނުގެންގޮސް، އީވާ ޤަސްތުގައި މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ހުރަސް އަޅުއްވަމުންގެންދެވިކަމަށް ޕީޖީ ގްރޫޕަށް އެއްބަސްވެވޭ ކަމަށާއި އީވާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށާއި އީވާގެ އާއިލީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކޮށް، ނަޝީދާ ޚާއްސަ ގުޅުމެއް އޮތް އާއިލީ ބޭފުޅެއްގެ މަސްލަހަތު ކުރިއެރުވުމަށް މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ރިޔާސަތާ ހަވާލުވެވަޑައިގެން، އެ މައްސަލައިން ތަނާޒުލުވެވަޑައިގަންނަވަން އިންކާރުކުރައްވާފައިވަނީ ޤަނޫނު އަސާސީގެ 75 ވަނަ މާއްދާއާ ކަނއެޅިގެން ޚިލާފަށް ކަމަށް ވެސް ޤަރާރުގައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ