އައްޑޫގައި އަނެއްކާވެސް ގުރޫޕް މާރާމާރީއެއް، ޒުވާނަކު ޒަޚަމްކޮށްލައިފި

ޚަބަރު ފަހުގެ

އައްޑޫ ސިޓީގައި އަނެއްކާވެސް ނުރައްކާތެރި މާރާމާރިއެއް ހިންގާ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައ ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 03:30 ހާއިރުކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މާރާމާރީގައި ތޫނުއެއްޗަކުން ޙަމަލާދީ ޒަޚަމުކޮށްލާފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ޒަޚަމްވި ޒުވާނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާއާއި ގުޅޭ މަޢުލޫމާތު ޙިއްސާކޮށްފައެއް ނުވެއެވެ. މި މާރަމާރީގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.

އައްޑޫސިޓީގައި މިދިޔަ ހުކުރު ދުވަހު ހިނގައިދިޔަ ނުރައްކާތެރި މާރާމާރިއާއި ގުޅިގެން، ފުލުހުންވަނީ އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅު އިތުރުކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ. އެ މާރާމާރީގައި އަނިޔާލިބުނު މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ޙާމަކޮށްފައެވެ. އޭނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އޭނާއަށް އައިޖީއެމްއެޗް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

މި މައްސަލައާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18އ، 19އ، 20އ، އަދި 23 އަހަރުގެ މީހުންނެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ރޭ ވިދާޅުވެފައިވަނީ، މިދިޔަ މަހުގެ 29ވަނަ ދުވަހު މާލޭގައި ހިނގި މާރާމާރިއާއި، އައްޑޫ ސިޓީގައި ހުކުރު ދުވަހު ހިންގި މާރާމާރިއާއި ގުޅިގެން، ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. ގްރޫޕު މާރާމާރިއާއި ގުޅިގެން، އެސިޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލެއިން އިތުރު ޓީމުތަކެއް ފޮނުވަން ނިންމައިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ