ސަރުކާރު ތަމްސީލްކުރާ ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޖު

ފަހުގެ ސިޔާސީ

ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހަމަޖައްސަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރެއްގެ ގޮތުގައި މޫސާ ސިރާޖު ހަމަޖައްސަވާފައިވާކަން އެޕާޓީން މަޖިލީހަށް އަންގާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ވެރިކަންކުރާ ޕާޓީ، ޕީއެންސީއާއިި ގުޅިވަޑައިގަތީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައެވެ.

އައު ސަރުކާރު އައުމުގެ ކުރިން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދަމް ޝަރީފް ޢުމަރެވެ. ނަމަވެސް މި ސަރުކާރުގައި އާދަމް ޝަރީފް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރުކަމަށް ވަޑައިގަތުމަށް މަޤާމުން އިސްތިއުފާ ދެއްވުމުން، ޕީޖީ ލީޑަރަކަށް ދެން ހަމަޖެއްސެވީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދެވެ. ނަމަވެސް މިދިޔަ ހަފްތާގައި ފަޒުލް ވަނީ އާބްނކޯގެ މެނޭޖިންގ ޑިރެކްޓަރުކަމަށް ވަޑައިގަތުމަަށް މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ.

އެހެންކަމުން މިހާރު އެމަޤާމަށް މޫސާ ސިރާޖު ހަމަޖައްސަވައި، މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން މަޖިލީހުގައި އިއުލާންކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވީ ސަރުކާރު ތަމްސީލްކުރެއްވުމަށް ޕީއެންސީގެ 2 މެންބަރުންނެވެ. އެއީ މޫސާ ސިރާޖުގެ އިތުރުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި އިބްރާހީމް ނަސީމް ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބަށްފަހު އިންތިގާލީ މަރުހަލާގެ ތެރޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ