އދ. ދިގުރަށުގައި ކުއްޖަކު ވިހެއަކުމަށް ފަހު ކޮތަޅަކަށް ލާފައި ކުނިގޮނޑަށް އެއްލާލި ކަމުގެ ތުހުމަތުގައި ބަންދުކުރި ސްރީ ލަންކާގެ އަންހެން މީހާ ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.
30 އަހަރުގެ އެ އަންހެން މީހާ އިއްޔެ ހެނދުނު މާލެ އައިސް، އިއްޔެ ހަވީރު ފުރަން އޮތް ފްލައިޓަކުން ލަންކާއަށް ދިއުމަށް އެއާޕޯޓަށް ގޮސް ހުއްޓާ ފުލުހުން ވަނީ ހައްޔަރުކޯށްފައެވެ. މިއަދު ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން އެ މީހާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
އެމީހާގެ މައްޗަށްކުރަނީ ގަސްތުގައި ކުޑަކުއްޖަކު މެރިކަމުގެ ތުހުމަތެވެ.
ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކުނިގޮނޑުން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފެށީ އިއްޔެ ހެނދުނު 11:20 ހާއިރު އެވެ.
އެ ކުޑަކުއްޖާ ފެނުނީ އެ ރަށު ގެސްޓްހައުސްތަކުން އުކާލި ކުނިތަކެއްގެ ތެރެއިންނެވެ. އެ އަންހެން މީހާއަކީ އެރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާމީހެއްކަމަށްވެއެވެ.