ދަ ބެސްޓް އެވޯޑަށް މި ފަހަރު ވާދަކުރަނީ މެސީ، ރޮނާލްޑޯ އަދި ލެވަންޑޯސްކީ

ކުޅިވަރު ފަހުގެ

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގެ މަގާމުތަކަށް ވާދަކުރާ ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް ހާމަކޮށްފިއެވެ.

މީގެ ކުރިން ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ފީފާއިން މިހާރު ވަނީ ނިންމާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެވޯޑުގައި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި، ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީއެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް 2016 ވަނަ އަހަރު ދޭން ފެށިއިރު، މި އެވޯޑަށް މި ފަހަރު ވާދަކުރާ ރޮނާލްޑޯ ވަނީ 2016 އަދި 2017 ވަނަ އަހަރު މި އެވޯޑް ހާސިލުކޮށްފައެވެ. އަދި އެންމެ ފަހުން މިދިޔަ އަހަރު މި އެވޯޑް ހޯދީ މެސީއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މި އަހަރު މި އެވޯޑް ލިބުން އެންމެ ގާތް ކުޅުންތެރިއަކީ ލެވަންޑޯސްކީއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ލެވަންޑޯސްކީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މީގެ އިތުރުން ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ހޮވާ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް މި ފަހަރު ވާދަކުރަނީ އިންގްލެންޑުގެ ލޫސީ ބްރޮންޒް އާއި، ޑެންމާކުގެ ޕަނީލް ހާޑާ އަދި ފްރާންސްގެ ވެންޑީ ރެނާޑެވެ. އަދި އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމަށް ލިވަޕޫލުގެ އެލިސަން ބެކާ އާއި، ބަޔާނުގެ މެނުއެލް ނޯޔާ އަދި އެތުލެޓިކޯ މެޑްރިޑުގެ ޔެން އޮބްލަކް ވާދަކުރާއިރު، އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ މަގާމަށް ވާދަކުރަނީ އޮލިމްޕިކް ލިޔޯނުގެ ސާރާ ބުހާދީ އާއި ޕީއެސްޖީގެ ކްރިސްޓިއަން އެންޑްލާ އަދި ޗިކާގޯ ރެޑް ސްޓާސްގެ އެލިސާ ނައެހާއެވެ.

މީގެ އިތުރުން އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމަށް ލީޑްސް ޔުނައިޓެޑުގެ ކޯޗު މާސެލޯ ބިއެލްސާ އާއި، ބަޔާނުގެ ކޯޗު ހަންސީ ފްލިކް އަދި ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވާދަކުރާއިރު، އެންމެ މޮޅު އަންހެން ކޯޗުގެ މަގާމަށް ވާދަކުރަނީ ޗެލްސީގެ ކޯޗު އެމާ ހޭސް އާއި، އޮލިމްޕިކް ލިޔޯނުގެ ކޯޗު ޖޯން-ލުކް ވަސޯރް އަދި ނެދަލެންޑްސްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ސަރީނާ ވިއެގްމަންއެވެ.

އަދި އެންމެ މޮޅު ލަނޑަށް ދޭ ފީފާ ޕުސްކަސް އެވޯޑަށް މި ފަހަރު ނޮމިނޭޓުވެފައި ވަނީ ފްލަމެންގޯގެ ޖޯޖިއަން ޑި އަރަސްކައެޓާ އާއި ޓޮޓެންހަމް ހޮޓްސްޕާގެ ސޮން ހުއެން-މިން އަދި ބާސާއަށް ކުރިން ކުޅުނު އަދި މިހާރު އެތުލެޓިކޯއަށް ކުޅެމުން އަން ލުއިސް ސުއަރޭޒް ޖަހާފައިވާ ލަނޑުތަކެވެ.

މި އެވޯޑުތަކުގެ އިތުރުން ފީފާ ފެއާޕްލޭ އެވޯޑް އަދި ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ފީފާ ޕްރޯ އެލެވެންވެސް ހޮވާނެއެވެ. ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ފެށުމަށްފަހު ފީފާއިން ގެނައި އެންމެ ބޮޑު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވޭ ނޫސްވެރިންނެވެ.

މި މަހު 17 ވަނަ ދުވަހު ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފުލާ ބާއްވާއިރު، މި ހަފުލާ ކުރިއަށް ގެންދިޔުމަށް ފީފާއިން ނިންމާފައިވަނީ ވާޗުއަލްކޮންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ