ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދެއްވާގޮތަށް ސަރުކާރުން ނިންމަވައިފި

ޚަބަރު ފަހުގެ

ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަނަށް ދެއްވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމަވާފައިވާކަން ހާމަކުރެއްވީ ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ކަންތައްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން މުޙައްމަދު ޝަހީބުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޙައްޖު ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަނަށް ބަދަލުކުރުމަށް ނިންމެވީ ޙައްޖަށް ދިއުމަށް އެދި ވަރަށް ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަންގެ ރަޖިސްޓްރީވެފައިވާތީ ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި ޙައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ޙައްޖުވެރިންނަށް ދީފައިވާ ޚިދުމަތުގެ ފެންވަރާމެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށާއި، ދިވެހި ޙައްޖު މިޝަނަށް ލިބިފައިވެއެވެ. އަދި ކުންފުނިތަކަށް ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، މިނިސްޓްރީން ހުއްދަދީފައި އޮންނަ އަގަށްވުރެ ބޮޑު އަގު ޙައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އިވެމުންދާތީ މިކަންކަމަށް ހައްލު ހޯދާދެއްވުމަކީވެސް ހައްޖު ކޯޕަރޭޝަނަށް ކޯޓާ ބަދަލުކުރަން ނިންމެވި ސަބަބެކެވެ.

ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6018 މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގުގައި ފައިސާ ނަގާ މައްސަލަ ޙައްލުކުރުމަށް، ސަރުކާރުގެ ވިސްނުމަކީ ހުރިހާ ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދިނުން ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ ކުރިން ވިދާޅުވެފައެވެ. ޙައްޖު ކޯޕަރޭޝަންގެ ބޭނުމަކީ ޙައްޖަށް ދިއުމަށް މީހުން ޖަމާކުރާ ފައިސާއިން އިންވެސްޓްކޮށް، އެއިން ލިބޭ މަންފާޔާއެކު އެމީހުންނަށް އަގުހެޔޮކޮށް ޙައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުމެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާއި އިތުރުކުރައްވަން މަސައްކަތް ކުރެއްވުމާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެވެ. ޙައްޖަށް މީހުން ގެންދިއުމަށް މިހާރު ރާއްޖެއަށް ލިބެނީ 1000 ކޯޓާއެވެ. މީގެތެރިން ބޮޑު ބައެއް ދެނީ ޙައްޖު ކޯޕަރޭޝަނެށެވެ. މިއަދަދު 2000އަށް އިތުރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ