މާރޗުމަހު ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފަށްޓަވަން ނިންމަވައިފި

ޚަބަރު ފަހުގެ

މާރޗުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑު އޭވިއޭޝަން ގުޅިގެން ކަމަށް ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެއަރ އެމްބިއުލަންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށްޓަކައި 2 އެއަރ އެމްބިއުލަންސެއް މިޚިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

“ މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ހެލްތު މިނިސްޓްރީގެ ދަށުން އިމަރޖެންސީ އެމްބިއުލަންސްގެ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ޑިޕާޓްމަންޓުން،” ނާޡިމް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް އެއަރ އެންބިއުލަންސްގެ ޚިދުމަތްތައް ފެށުމަކީވެސް އެމަނިކުފާނު ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަން ނިންމަވާފައިވާކަމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ