ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ކެބިނެޓުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އާބަންކޯއިން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ނިންމުމާ އެއްގޮތަށް މުނިސިޕަލް ހިދުމަތްތައް ބަދަލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

ކެބިނެޓުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު “އެކްސް”ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ އޮފީސްތަކާއި ހިފާ ގެންގުޅޭ ސާމާނާއި ބިމުގެ އިތުރުން މުވައްޒަފުން ވެސް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މުނިސިޕަލް ހިދުމަތްތައް ދިނުމަށް މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް އިތުރު އެއް އަހަރު ދުވަހަށް މުސާރަތައް ބަދަލެއް ގެނައުމަކާ ނުލައި ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ