ލިވަޕޫލާއި ޓޮޓެންހަމްވެސް އެއްވަރު، އާސެނަލް ބަލިވެއްޖެ

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާވެސް އެއްވަރުވިއިރު، އާސެނަލް ބަލިވެއްޖެއެވެ.

ލިވަޕޫލް އެއްވަރުވީ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ފުލަމްއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ ފުރަތަމަ ހާފުގައި ފުލަމްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ފުލަމްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބޮބީ ރީޑެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ލިވަޕޫލުގެ ފޯވާޑް ޑިއޭގޯ ޔޮޓާ ކުޅެފައި ނުވާއިރު، ދެވަނަ ހާފު ލިވަޕޫލުން ފަށަން ޖެހުނީ އަނިޔާގެ ސަބަބުން އަނިޔާގެ ޖޮއެލް މަޓިޕް ބަދަލުކުރުމަށްފަހުއެވެ. އެއާއެކު މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުގެ ފަހަތް ބެލެހެއްޓީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ. ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކުރީ 79 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. މިއީ އޭރިއާ ތެރެއިން ފުލަމްގެ ކަމާރާގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

އާދީއްތަ ދުވަހުގެރޭ ލިވަޕޫލް މެޗުގެ ކުރިން ތާވަލުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ 1-1 ން އެއްވަރުވެފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އެކަމަކު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ޖެފްރީ ޝްލަޕް ވަނީ ޕެލަސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި އޮތް ޓޮޓެންހަމާއި ދެވަނައިގައި އޮތް ލިވަޕޫލަށް 12 މެޗުން ވަނީ 25 ޕޮއިންޓެވެ. ފައިދާ ލަނޑުގެ ތަފާތުން ޓޮޓެންހަމް ކުރީގައި އޮތްއިރު، އަންނަ ބުދަ ދުވަހު ލިވަޕޫލް ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާނެއެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 1-0 ން ބާންލީ އަތުން ބަލިވެފައެވެ. މި މެޗުން އާސެނަލް ބަލިވިއިރު، މިއީ ފާއިތުވި 61 އަހަރު ތެރޭ އަމިއްލަ ދަނޑުގައި އާސެނަލް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

އާސެނަލަށް މި މެޗުގައި މައްސަލަ ދިމާވީ މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމުގެ ގްރޭނިޓް ޝާކާއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ބާންލީގެ އެޝްލީ ވެސްޓްވުޑްގެ ކަރުގައި ހިފުމުންނެވެ. އޭގެ ފައިދާ ނަގައި ބާންލީން ލީޑު ނަގާފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މިއީ އާސެނަލުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ 12 މެޗުން ލިބުނު 13 ޕޮއިންޓާއެކު ލީގުގެ 15 ވަނައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ