ހުޅުމާލޭގެ އާބަން އައިލްގައި ތަރައްޤީކުރާ “ކޮމާޝަލް ސްޕައިން” މަޝްރޫޢު ޗައިނާގެ ކުންފުންޏަކަށް

ޚަބަރު ފަހުގެ

ހުޅުމާލޭގެ އާބަން އައިލްގައި ތަރައްޤީކުރާ “ކޮމާޝަލް ސްޕައިން” މަޝްރޫޢު ޗައިނާގެ ހުނާން ކުންފުންޏާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

އިޝްތިހާރު
އިޝްތިހާރު

“ކޮމާޝަލް ސްޕައިން” މަޝްރޫޢުގައި ހިމެނެނީ ގުޅިފައިވާ 7 އިމާރާތެވެ. އެއީ 6 ކޮމާޝަލް އިމާރާތާއި ސަޕޯޓިން އިމާރާތެކެވެ. އެތަންތަނުގައި ރީޓެއިލް ފިހާރަތަކާއި ވެލްނެސް ޚިދުމަތްތަކާއި އެންޓަޓެއިންމެންޓް ޚިދުމަތްތަކާއި ބޭންކިން ޚިދުމަތްތައް ތަރައްޤީކުރެވޭނެއެވެ. މިމަޝްރޫއަށް 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. ހުނާން ކުންފުންޏާ މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 2 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮމާޝަލް ސްޕައިން މަޝްރޫޢު ތަރައްޤީކުރަނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މިމަޝްރޫޢުގެ ދަށުން އިމާރާތްތައް ހަދަނީ 3-4 ފަންގިފިލާއަށެވެ.

އެޗްޑީސީން ބުނީ ގުޅުވާލައިގެން ހަދާ މި 7 އިމާރާތް ވާނީ ރާއްޖޭގައި އާކިޓެކްޗަރއިން އެންމެ ފާހަގަކޮށްލެވޭ އިމާރާތަށެވެ. މިމަޝްރޫއަށް “ސްޕައިން”ގެ ނަން ދީފައިވަނީ އެއިމާރާތްތައް ގުޅާލާފައިވާތީއެވެ.

އެޗްޑީސީން ބުނީ މިމަޝްރޫޢު ނިމުމުން މިސަރަހައްދު ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝަލް ޒޯނަށްކަމަށެވެ. އަދި މަޝްރޫޢުގެ ތަރައްޤީވެގެން އަންނައިރު ހުޅުމާލޭގައި ގެސްޓްހައުސް ޓޫރިޒަމް ފުޅާވާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އެ އިމާރާތްތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

“އާބަން އައިލް” ތަރައްޤީކުރަނީ އިންޓަރގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައެވެ. އެގޮތުން ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ޚިދުމަތްތައް މިތަނުގައި ތަރައްޤީކުރެވޭނެއެވެ. މިއާއެކު ވަޒީފާގެ ގިނަ ފުރުޞަތުތައް އުފެދިގެން އަންނާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ