ޕީއެސްޖީ ބަލިވިއިރު، ނޭމާއަށް އަނިޔާވެއްޖެ

ކުޅިވަރު ފަހުގެ

ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ ލިޔޯން އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިވިއިރު، މި މެޗުގައި ޕީއެސްޖީގެ ތަރި ނޭމާއަށް އަނިޔާވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ ލިޔޯން އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ޕީއެސްޖީއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިޔޯނުން ކާމިޔާބުކުރީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ޕީއެސްޖީގެ ކިމްޕެމްބޭ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ލިޔޯނަށް ޖަހައިދިނީ ޓީނޯ ކަޑެވޭރޭއެވެ. މި މެޗުގައި ޕީއެސްޖީއަށް ލިޔޯނުގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެގޮތުން އެ ޓީމުގެ އަލެސަންދްރޯ ފްލޮރެންޒީ ފޮނުވާލި ހަމަލާ ލިޔޯނުގެ ގޯލްކީޕަރު އެންތޮނީ ލޯޕްސް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ނޭމާއަށް އަނިޔާވީ އިތުރު ވަގުތުގައި ލިޔޯނުގެ ތިއާާގޯ މެންޑޭސް ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން މެންޑޭސްއަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ވަނީ މެންޑޭސްއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. މެންޑޭސް ކުރި ފައުލާ ގުޅިގެން ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވިއިރު، އޭނާ ދަނޑުން ބާލާފައިވަނީ އަށިގަނޑުގައެވެ.

މި މެޗުން ޕީއެސްޖީ ބަލިވިއިރު، އެ ޓީމު ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެގޮތުން އެ ޓީމަށް ކުޅުނު 14 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ޕީއެސްޖީ ބަލިކުރި ލިޔޯން އާއި ލިލްއަށް 14 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ. އެކަމަކު ލިޔޯނަށް ތާވަލުގެ އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ