އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް، ތަފާތެއް ނުކުރާނަން: އާޒިމް

ފަހުގެ ސިޔާސީ

އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށާއި ވަކި މީހަކު ތަފާތު ނުކުރައްވާނެ ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ އަށް އިތުބާރު ކުރައްވައި އިންތިހާބު ކާމިޔާބުކޮށް ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތުނުކޮށް އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

“މާލެ ރަށްވެހިން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި މާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ފެހި ތަނަވަސް މާލެއެއް ހޯދައި ދިނުމުގެ މަސައްކަތް މި ފެށުނީ. ﷲ ގެ ރަހްމަތާ އެކުގައި އަޅުގަނޑަށް ވާނެ، ކުރާނަން، ޝުކުރިއްޔާ،” އާޒިމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި، އާޒިމަށް މި ބައި އިލެކްޝަންގައި 7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ.

ތިން ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 2،343 ވޯޓު ލިބިވަޑައިގެންނެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ހަތަރު ވަނަ އަށް ދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީ އަށް 125 ވޯޓު ލިބިވަޑައިގަތެވެ.

މި ބައި އިލެކްޝަންގައި ބާތިލް ވޯޓުގެ ގޮތުގައި 402 ވޯޓު ކަނޑައަޅާފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ