ސްރީ ލަންކާގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ މުހިންމުކަމެއް – ޑރ.ޒާހިރު

ޚަބަރު ފަހުގެ

ކޯވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް އެމީހުން ވަޅުލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއްކަމަށާ، އެއީ ޘަވާބާއި ދަރުމަލިބޭނެ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ މުސްލިމުން ވަޅުލައިދިނުމަށް އެޤައުމުގެ ސަރުކާރުން އެދިފައިވާތީ އެކަމާއި މަޝްވަރާކުރަމުން އަންނަކަމަށް ސަރުކާރުންވެސް ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ މިވަގުތަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ސްރީލަންކާގައި މަރުވާ މުސްލިމުންނާމެދު އެޤައުމުގައި އިހާނެތިކޮށް ކަންތައް ކުރަމުންދާކަން ފާހަގަކޮށް މުސްލިމުންނަށް އެހީތެރިވުމަކީ މުހިންމުކަމެއްކަން ރާއްޖޭގެ ދީނީ ޢިލްމުވެރިންވަނީ ފަހަގަކުރައްވާފައެވެ. އަދި މުސްލިމުން މަރުވުމުން އެމީހުންގެ ހަށިތައް އެންދުމުގެ ބަދަލުގައު ވަޅުލުމަށް އެހީތެރިކަން ފޯރުކޯށްދިނުމަކީ މުހިންމުކަމެއްކަން އެބޭފުޅުން ފާހަގަކުރައްވައެވެ.

ކޯވިޑް-19 ޖެހިގެން މަރުވާ މީހުން އެއްވެސް ދީނަކަށް ބެލުމެއްނެތި އަންދާލުމަށް ސްރީ ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން އެޤައުމުގެ މުސްލިމުންގެ މެދުގައިވަނީ ވަރަށްބޮޑެތި ކަންބޮޑުވުން އުފެދިފައެވެ. އަދި ބައެއް މީހުން އަނަނީ އިހްތިޖާޖުވެސް ކުރަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ ވިދާޅުވެފައިވަނީ ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހަމަޖައްސައިދިނުމަށް ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ސިޓީފުޅެއް ފޮނުވާފައިވާކަމަށެވެ.

ސްރީ ލަންކާ ސަރުކާރުން އެދިފައިވާ ކަންކަން އިންތިޒާމު ކުރެވޭނެގޮތެއް އޮތްތޯ ބެލުމަށް ކަމާގުޅޭ ދާއިރާތަކާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކަން ކުރައްވަމުން އަންނަނީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގައި ކޯވިޑް-19 އެންމެ ހަލުވިކޮށް ފެތުރު ދުވަސްވަރު ސްރީ ލަންކާގައި އޮތީ އެބަލި ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެޤައުމުގައި ކޯވިޑް-19 އަންނަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. އެޤައުމުން މިހާތަނަށް ބައްތިރީސް ހާހަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހި ބަލީގައި މަރުވި މީހުންގެ ޢަދަދު ވަނީ 150އަށްވުރެ މައްޗަށް އަރާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ