މަޖިލިސް އިންތިހާބާ ގުޅިގެން އީސީން 5 މުއައްސަސާއަކާއެކު ސޮއިކޮށްފި

ޚަބަރު ފަހުގެ

އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސަން 5 މުއައްސަސާއަކާއެކު އީސީން ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ)ން ސޮއިކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ސިވިލް ސާވިސް ކޮމިޝަންއާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑިއެންއާރް)އާއި މޯލްޑިވްސް ޕޯސްޓާއެކުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެއްބަސްވުންތަކާ ގުޅިގެން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އަބްދުއްރަހީމް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނާއެކު ސޮއި ކުރީ ކޮންމެ އިންތިހާބަކީވެސް ސިވިލް ސާވިސް މުވައްޒަފުންގެ ބައިވެރިވުމާއެކު ބޭއްވޭ އިންތިހާބުތަކަކަށް ވާތީ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލުތަކަށް ސިވިސް ސާވިސް މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާނެތީ ވެވުނު އެއްބަސްވުމެއް ކަމަށެވެ.

ފުލުހުންގެ އެހީތެރިކާމާ ނުލައި އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި އިނތިހަބާ ގުޅިގެން ހުރުމަތްތެރިކޮށް ހިތަންޖެހޭ ގާނުނުތައް ތަންފީޒުކުރުމުގައި ފުލުހުންގެ އެހީި ބޭނުންވާ ކަމަށާއި، އެކި ތަންތަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް ފޮނުވާއިރު ފޮނުވަނީ ފުލުހުންނާ އެކުގައި ކަމަށެވެ. އަދި އެ މަސައްކަތަށް ފުލުހުންގެ އުޅަނދުތައްވެސް ބޭނުންކުރާ ކަމަށް ވިދާޅުވިއެވެ.

ދެން އެއްބަސްވި ޑީއެންއާރަކީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ދަފުތަރު އެކުލަވާއިރު މަސްދަރެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކުރާ ބައެއް ކަމަށް ހަބީބު ވިދާޅުވިއެވެ. މީހެއްގެ ރަޖިސްޓްރީ ނުވަތަ ނަން ބަދަލުވިޔަސް އެ މައުލޫމާތު އިލެކްޝަންސްއަށް އަންގަނީ ޑީއެންއާރުން ކަމަށާއި ވޯޓުލާ މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ޖަވާބުދާރީ ވާނީވެސް ޑީއެންއާރުން ކަމަށް ވިދާޅުވިއެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން އިންތިހާބުތަކުގައި ފޯރުކޮށްދޭ އެހީ ފޯރުކޮށްދެނީ އެލްޖީއޭ މެދުވެރިކޮށް ކަމަށާއި، ދެ އިދާރާ ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތެއް ކުރާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ޕޯސްޓާއެކު ވި އެއްބަސްވުމާ ގުޅިގެން ހަބީބު ވިދާޅުވީ ޕޯސްޓުގެ އެހީ ރިޔާސީ އިންތިހާބުގައިވެސް ލިބުނު ކަމަށާއި އެހެންކަމުން މި ފަހަރުވެސް ޕޯސްޓައެކު އެއްބަސްވުމަކަށް ދާން އެ ކޮމިޝަނުން ނިންމި ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވާ ތާރީހަކީ މާޗު 17 އެވެ. ނަމަވެސް އެ ދުވަސް ދިމާވަނީ ރޯދަ މަހަށް ކަމުން ކިއު ދުގު ނުވެ އަވަށް ވޯޓު ލެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އީސީން މީގެ ކުރިން ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ