ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާ ކަމަށް ބުނެ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ނުދާން ނިންމާ ދަ ޑިމޮކްރެޓްސް އިން މާދަމާގެ ޖަލްސާ ބޮއިކޮޓް ކޮށްފި އެވެ.
މަޖިލީހުގައި 13 މެންބަރުން ހިމެނޭ ޑިމޮކްރެޓްސް އިން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށް ބާއްވަވާ ޖަލްސާއަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން އެ ޕާޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި އެ ތިން ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއް ކަމަށް ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭ ކަމަށް ވެސް ބުންޏެވެ.
އަދި ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރު ލިބިދެވޭ ގޮތަށް ހިންގޭ ކަންކަމުގައި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ކަމަށެވެ.
“މި ސަބަބުތަކަށްޓަކައި މާދާމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ވާހަކަ ދަންނަވަމެވެ،” ޖަލްސާ ބޮއިކޮޓް ކުރާކަން ހާމަކޮށް ޑިމޮކްރެޓުން ނެރުނު ބަޔާނުގައި ވެ އެވެ.
އެ ޕާޓީން މިގޮތަށް ނިންމިއިރު، އެމްޑީޕީންވެސް ވަނީ އެ ޖަލްސާގައި ބައިވެރިނުވާން ނިންމާފައެވެ.