ރިޔާސީ ވައުދާ އެއް ގޮތަށް އެކިއެކި ކުށްތަކުގެ ތަހުގީގަށް ހައްޔަރުކޮށްފައި “ވާނުވާ”ގައި، ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށައި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ގާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުމާ އެކު ކުށްކުރާމީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖްތަމައަށް ގެނައުން ކަމަށެވެ.
އަދި ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކޮށް، ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެއީ އޯގާވެރިކަމާއެކު އިސްލާހުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
“ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،” ރައީސް ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު މައްސަލަ ނުނިމި އެތައް ދުވަހެއް ވަންދެން “ވާނުވާ” ގައި ތިބެން ޖެހޭ ކަމުގެ ޝަކުވާ މެދުކެނޑުމެއް ނެތި އިވޭތާ އެތައް އަހަރެކެވެ.
މީގެއިތުރުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން އަންނަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި އެވެ.
ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު ފޯރާ ވަރު ހަނިކުރުމަށްޓަކައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.
“ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރުމަށް ފަހު، ގައުމާ މުހާތަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، އެ ދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމުގައި ވާނީ ދަންނަވާފައި. އަޅުގަނޑުމެންގެ ސަރުކާރުން ހިފަހައްޓާނީ މި އުސޫލު،” ރައީސް ވިދާޅުވި އެވެ.