އައްޑޫގައި “އައްސޭރި ޓޫރިޒަމް” މަޝްރޫއެއް ފަށަނީ

ޚަބަރު ފަހުގެ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓޫރިޒަމް ފުޅާކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް “އައްސޭރި ޓޫރިޒަމް” ގެ ނަމުގައި މަޝްރޫއެއް ފެށުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ޓޫރިޒަމަށް މި ސަރުކާރުގެ އަމާޒަކީ މި އަހަރު އަލަށް 20 ރިސޯޓު ހުޅުވުމުގެ އިތުރަށް އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައިވާ ރިސޯޓުތައް ހުޅުވުމަށް އެހީތެރިވުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެތެރޭގައި، ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވާލެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ

އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރެވިގެންދާ އިރު، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ އެވެ.

“މިގޮތުން ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް އައްސޭރި ޓޫރިޒަމް މަޝްރޫއެއް އެކުލަވާލައި އިފްތިތާހުކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން،” ރައީސް ހާމަކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވަޒީރުންގެ މަޖިލީހުގައި ވިޒިޓާ އިކޮނޮމީ ކައުންސިލެއް އުފެއްދީ، ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރާށެވެ.

އޭގެތެރޭގައި ބައިނަލްއަގުވާމީ ބޮޑެތި މަހާސިންތާތަކާއި ހަފްލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހަދަން މައިސް ޓޫރިޒަމާއި، ތައުލީމީ ދާއިރާއާއި ސަގާފަތާއި ތަރިކަ އަދި ސިއްހީ ދާއިރާއާއި ތިމާވެށީގެ ދާއިރާގެ ތެރެއިންވެސް ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމުގެ ވިސްނުންތައް ރައީސް ފާހަގަކުރެއްވި އެވެ.

“މި ދައުރުގެ ތެރޭގައި މި ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އިރާދަކުރެއްވިއްޔާ އަންނާނެ.”

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރު ފުރަތަމަ ފަހަރަށް ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރު ނިމި، އާ އެއާލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުސަތު ދެވުމުން، މެދުރާސްތާގައި މި އަދަދު އަހަރަކު އެވަރެޖްކޮށް 10.3 ޕަސަންޓުން ކުރިއަރަމުން ދާނެ ކަމަށް ވެސް ބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ޓޫރިޒަމްގެ އާ މާކެޓުތަކާއި ރާއްޖެއާ ދަތުރުފަތުރުގެ ގޮތުން ސީދާ ގުޅުވައިލައި، ލޯންގް ހޯލް ރޫޓްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ އިރު، އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ އިތުރުން އިމާރާތްކުރުމާއި، ރިއަލް އެސްޓޭޓް އަދި ދަތުރުފަތުރު ފަދަ ދާއިރާތައް ވެސް ކުރިއަށް ހުރި އަހަރުތަކުގައި ދާނީ ބާރަށް ކުރިއަރަމުންނެވެ.

“މި އާއެކު މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 5.5 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރާއިރު، މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 7.1 އިންސައްތައިން އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ވެސް ލަފާކުރެވޭ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ