މަޖިލީހުގައި ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 16އަށް

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ތަމްޞީލް ކުރައްވާ މެންބަރުންގެ އަދަދު 16އަށް އަރައިފިއެވެ.

މަޖިލީހުގައި ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެފައިވަނީ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ލިޔުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުންނެވެ. އެ ދެ މެންބަރުން ކުރިން ތިއްބެވީ މަޖިލީހުގައި އެމްޑީޕީ ދަފްތަރުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ އިތުރު 12 މެންބަރުންނާއެކު ޝަރީފް ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ހަސަން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

އެ ދެ މެންބަރުން މަޖިލީހުގައި ކޮންގްރެސް ޕާޓީގައި ހިމެނުއްވުމާއެކު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 16އަށް އަރާފައެވެ. އަދި މެޖޯރިޓީ ޕާޓި ކަމުގައިވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 42އަށް ދަށްވެފައެވެ. އޭގެ އިތުރުން މަޖިލީހުގައި ތިއްބަވަނީ ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ 2 މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުންނާއި ޖުމްހޫރީ ޕާޓުގެ 2 މެންބަރުންނާއި އެއްވެސް ޕާޓީއެއް ތަމްޞީލް ނުކުރައްވާ 3 މެންބަރުންނެވެ.

އެމްޑީޕީން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވި އައު މެންބަރުންނާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު އެ ޕާޓިއަށް ވަނީ ލިބިފައެވެ. ކުރިން މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ ދަ ޑިމޮކްރެޓްސްއެވެ.

މަޖިލީހުގައި ޕާޓީތައް ތަމްސީލް ކުރައްވާ މެންބަރުންގެ އަދަދަށް އައި ބަދަލާއެކު ބަހުސްގެ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ. އަދި ދާއިމީ ކޮމިޓީތަކަށް އެ ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށާއި ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވޯޓަށް އަހާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރެއްވި ޕާޓީން އެ މެންބަރަކު ވަކިވެވަޑައިގެންފިނަމަ ކޮމިޓީން ވެސް އެ މެންބަރަކު ވަކިވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ