ޑޮލަރު ލިމިޓު ކުޑަކުރާކަށް ނުނިންމާ، އެއީ ދޮގު ޚަބަރެއް: ސަރުކާރު

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރުން ކެނޑޭ އަދަދު ކުޑަކުރުމަށް ނިންމާފައިވާކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ޙަބަރެއްކަމަށް ސަރުކާރުން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކްރެޑިޓް ކާޑުތަކާއި، ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސްއިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން އެ ބޭންކުން މިނިސްޓްރީއަށް ދީފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް ބަލައި، ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި، ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ މިނިސްޓްރީއާއި އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން މަސައްކްތަކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމިނިސްޓްރީން ބުނީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންކަމަށެވެ. އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދޭނެކަމުގެ ޔަގީންކަންވެސް އެ ބަޔާނުގައި ވަނީ ދީފައެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ، އިޤްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ޚަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރު ފަތުރާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ