ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް “ރިވެލި” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީގެ ދުބާއީގައި ބޭއްވި “ވާރލްޑް ގަވަރމަންޓްސް ސަމިޓު 2024″ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ދުބާއީގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ބޭރު ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހިބަހާއި އިސްލަމް މާއްދާ ކިޔަވައިދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަވާނެކަން ރައިސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޮޕް-28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ދަތުރުފުޅުގައި ދިވެހިންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ޤައުމިއްޔަތު ދިރުވައި އާލާކުރުންކަމުގައެވެ. އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަޤީދާއެއް ޤައިމުކޮށްދިނުމާއެކު، އާންމުކޮށް މި އޮންނަ ކޮންސިއުލަރ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިންތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާސިލްކޮށްދެއްވުމުގައި ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ބަހާއި އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަށާފައިވާއިރު، ދެން އެންމެ އަވަހަށް އެ ޕްރޮގްރާމް ފެށުމަށް ނިންމާފައިވަނީ މެލޭޝިއާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިންނަށެވެ. މީގެ އިތުރުން އެހެން ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށްވެސް އެ ސަރަހައްދެއްގެ ޓައިމްޒޯނާ އެއްގޮތަށް މި ޕްރޮގްރާމް ފުޅާކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.