ބީސީސީގެ “ކްރިއޭޓާ ހަބް” ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ގާއިމްކުރާ ކްރިއޭޓާ ހަބް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23ގައި ގާއިމްކުރާ އެ ހަބް އިމާރާތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ފެޑޯ ކުންފުންޏާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކްރިއޭޓާ ހަބް އިމާރާތުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދެވެ. އަދި ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހްމަދު ފަޔާޒެވެ.

“ކްރިއޭޓާ ހަބް” އަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓާ ހަބް ވެގެން ދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށް ކަމަށް ބީސީސީން ބުނެއެވެ.

“ކްރިއޭޓާ ހަބް”ގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ބީސީސީން ދަނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުންނެވެ.

ބީސީސީން ބުނީ 1500އަކަފޫޓުގެ ޖާގައެއްގައި ގާއިމް ކުރުމަށް ނިންމާފައިވާ ކްރިއޭޓާ ހަބް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ