ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސުއޫދަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މަގާމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.
ރައީސް އޮފީހުން ބުނީ ސުއޫދު، ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަންކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ކަމަށެވެ.
އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީގައި ލޯ އިން ވަނީ މާސްޓާސް ހާސިލް ކުރައްވި ސުއޫދު، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގަ އެވެ.
މީގެ ކުރިން ވެސް ޖޭއެސްސީގެ މެމްބަރުކަން ކުރެއްވި ސުއޫދަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ ވެސް ރައީސް އެވެ.