( 09 ޑިސެމްބަރ 2020 އާ ގުޅޭ)
“މިސްޓާރ ޝުޖާއު. އައި ވިލް ފައިލް އަ ކޭސް އެގެއިންސްޓް ޔޫ..” އާޒިމްގެ އަޑުގައި ހަރުކަށިކަން އެކުލެވިގެންވިއެވެ. “ހުސް ދޮގު ހަދައިގެން ތިއުޅެނީ އަަހަރެމެން ފްރޭމް ކުރާކަށްނު..” އާޒިމްގެ ޝަހާދަތް އިނގިލި ޝުޖާއުއާއި ދިމާލަށް ދިއްކޮށްގެން ހުރެ އޭނާ ވާހަކަ ދެއްކިއެވެ.
“މިތަނުގަ ގޯސް ކަމެއް ނުހިނގާ ނަމަ އާޒިމް ތިހާ ރުޅި އައުމުގެ ބޭނުމެއް ނެތް.. އެހެންވީމަ އަޅުގަނޑު މެންނާއި އެކު ކޯޕޮރޭޓް ކުރައްވާ.” ޝުޖާާއު އެހެން ބުނެލުމާއެކު އާޒިމްގެ އަނގަ ބަންދުވިއެވެ. އޭނާއާއި ދިމާލަށް ދިއްކޮށްފައި ހުރި ޝަހާދަތް އިނގިލި ތިރިކޮށްލާ އަތް މުށްކަވާލިއެވެ. އޭނާގެ މޫނުމަތިންވެސް ނުތަނަވަސްކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ.
ޝުޖާއުއާއި އޭނާގެ ޓީމުން ސަފާރީ ބަލާ ފާސްކުރަން ފެށިއެވެ. އެންމެ ތަންކޮޅެއްވެސް ނުބަލާ ދޫކޮށްލާކަށް ޝުޖާއު ބޭނުމެއް ނުވިއެވެ. އެތަނުގައި ކޮންމެވެސް ކަމެއް ހިނގާފައިވާކަން އޭނާއަށް ޔަގީންކުރެވެއެވެ. އެއީ އީމާ ގޮވައިގެން އާޒިމް އެ ސަފާރީއަށް ދިޔަ ތަން ސީސީޓީވީ އިން ފެނުނު އިރު، އޭނާ ގޮވައިގެން އެނބުރި އައި ތަން ފެންނަން ނެތުމުންނެވެ. ކަން ދިމާކުރި ގޮތުން، ސަފާރީގެ ސެކިއުރިޓީ ކެމެރާތައް މީގެ މަހެއް ކުރިން ހަލާކުވެފައިވާކަމަށް އެތަނުގެ މުވައްޒަފުން ބުންޏެވެ. އަދި މަތީ ޑެކުގައި ސެކިއުރިޓީ ކެމެރާއެއް ފެންނަންވެސް ނެތެވެ. އެހެންކަމުން އެ ހިނގި ކަމެއް ހިނގާފައިވަނީ އެތަނުގައި ކަން ޝުޖާއުއަށް ވިސްނުނެވެ. އޭނާ ދެން ނިންމީ އޭގައި ތިބި މުވައްޒަފުންނާއި ސުވާލު ކުރާށެވެ.
“މީ ސަފާރީއެކޭ.. ޕޮލިސް ސްޓޭޝަނެއް ނޫން. ކަލޭމެން ބޭނުން ގޮތަކަށް މިތާކު ނޫޅެވޭނެ.” އާޒިމްގެ ލޭ ކެކިގެން ދިޔައެވެ.
“ބައްޕާ.. ރިލެކްސް.” އަޒާން އޭނާގެ ބައްޕަގެ ކޮނޑުގައި ހިފާލިއެވެ. ނަމަވެސް އާޒިމްގެ ހިތުގެ ތެޅުން މަޑެއް ނުވިއެވެ. އޭނާ ހުރީ ހިސާބަކަށް ބިރު ގަނެފައެވެ. އޭގައި ތިބި އޭނާގެ މުވައްޒަފުން އޭނާގެ ހަގީގަތް ފުލުހުންނަށް ކިޔައިދީފާނެތީއެވެ. އޭރުން ދަރިފުޅު ކުރިމަތީގައި އޭނާގެ އަގު ވެއްޓޭނެއެވެ. އަދި އެ މައްސަލައިގަވެސް ބެދޭނެއެވެ. އެ ފިކުރުތައް ސިކުނޑިއަށް ފުނިޖެހުމާއެކު އާޒިމް އިތުރަށް ހާސްވާގޮތް ވިއެވެ.
އެ ސަފާރީގައި ހުރި ކޮޓަރިއަކަށް ފަހަރަކު މީހަކު ވައްދާ ސުވާލުކުރުން ކުރިއަށް ގެންދިޔައެވެ. މުވައްޒަފުންނާއި ސުވާލުކޮށް ނިމުމުން ޝުޖާއު ބޭރަށް ބޯ ދިއްކޮށްލިއެވެ. އެވަގުތު އާޒިމް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“އާޒިމް.” އޭނާ އާޒިމްއަށް ގޮވާލިއެވެ. އަދި ބޮލުގެ އިޝާރާތުން އެތެރެއަށް ވަނުމަށް ބުނެލިއެވެ. އާޒިމް ހުރި ތަނުން ގުޑާވެސް ނުލިއެވެ. އެންމެ ފަހުން އަޒާން އެދުމުން އޭނާ އެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. އޭނާ ވަނުމަށް ދޮރު ހުޅުވާލަ ދީގެން ޝުޖާއު މަޑުކޮށްލިއެވެ. އާޒިމް ވަނުމާއެކު ޝުޖާއު ދޮރު ލައްޕާލިއެވެ. އަދި އެތާ ހުރި ގޮނޑިއަކަށް އިޝާރާތް ކުރަމުން އިށީނުމަށް ބުނެލިއެވެ.
“އަށާރަ ނޮވެމްބަރު ވަނަ ރޭ، އާޒިމް އުޅުނީ ކޮންތާކު؟” ޝުޖާއު ހުރީ އާޒިމްއަށް ކަޅި ހުއްޓާލައިގެންނެވެ.
“ދޮންވެލި ރިސޯޓުގަ..” ހަމަޖެހޭ ގޮތް ދައްކާލަމުން އާޒިމް ޖަވާބު ދިނެވެ.
“ކީއްކުރަން ދިޔައީ؟” ހިސާބަކަށް ހަރުކަށި ރާގަކަށް ޝުޖާއު އަހާލިއެވެ.
“ބޭރު ކްލައިންޓުންތަކެއް އައިސްގެން މީޓިންގ އަކަށް..” އާޒިމްއަށް ބުނެވުނީ އެހިސާބަށެވެ.
“ދޮގު.. ހުސް ދޮގު ތި ހަދަނީ.” އާޒިމްއާއި ދިމާލަށް ލޯ ބޮޑުކޮށްލަމުން ޝުޖާއު ބުނެލިއެވެ. “އާޒިމް ހީކުރީ އަހަރެމެންނަށް ނޭނގޭނެ ކަމަށްތަ؟” ގޮނޑީގައި އިށީނދެގެން އިން އާޒިމްގެ މޫނާ އޭނާ ކައިރިވެލިއެވެ. “މަގުމަތީ ކެމެރާތަކުން އާޒިމްގެ ކާރުގަ އީމާ ގޮވައިގެން އައި ތަން ފެނުނު. އޭނަ ގޮވައިގެން އައިސް އެރީ މި ސަފާރީއަށް. އީމާގެ ޕޯސްޓް މޯޓަމް ރިޕޯޓްސް އިން އޭނަ މަރުވި އިރު ޕްރެގްނެންޓް ކަން އެނގޭ.. އޯވާ ޑޯޒްޑް ކަންވެސް އެނގޭ..” ޝުޖާއު ބޭނުންވީ އާޒިމް ހާސްކަމުގެ ތެރެއަށް ވައްޓާލާ، ކުރި ކުށަށް އިއުތިރާފުކުރުވާށެވެ.
“އާޒިމް ގެ ކާރު އާޒިމް ނޫން މީހަކުވެސް ދުއްވަފާނެ އެއްނު..” އެއްފައި މައްޗަށް އަނެއްފައި އެއްލަމުން އާޒިމް ހަމަޖެހެލިއެވެ. “އެހުރީ ބޭރުގަ އަޒާން.. އޭނަ ވެސް އެ ކާރު ދުއްވާނެ.. މަގޭ ރައްޓެހިންވެސް އެ ކާރު ދުއްވާނެ..” އާޒިމް ބުނެލިއެވެ.
“އެކަމަކު އެރޭ އެ ކާރު ދުއްވީ އާޒިމް… އެހެންނު؟” ޔަގީން ކަމާއެކު ޝުޖާއު ބުނެލިއެވެ.
“މިހާރު އެއްފަހަރު ބުނެފީމެއްނު.. މަ އެރޭ ހުރީ ދޮންވެލި ރިސޯޓުގައޭ.. ތި އުޅެނީ އަހަރެމެންގެ ވިޔަފާރި ކުރިއަރާތީ ކޮންމެވެސް މީހަކަށް ހަޖަމް ނުވެގެން.. ކިހާ ބޮޑު ބަލާވެރިކަމެއްތަ ދެން މީ..” އާޒިމް ހަޅޭއް ލަވަން ފެށުމުން ޝުޖާއު ކޮޓަރީގެ ދޮރު ހުޅުވާ އާޒިމްއަށް ނިކުންނަން އެނގިއެވެ. އަދި އަޒާންއަށް ގޮވާލިއެވެ.
ސަފާރީ އިން ފޭބުމުގެ ކުރިން ޝުޖާއު ބޭނުންވީ މަތީ ޑެކަށް އަރާ އަދި އެއްފަހަރު ބަލާލާށެވެ. އެތަނުގައި ހުރި ކައުންޓަރު މަތީ ގިނަ ވައްތަރު ތަކެއްގެ ބަނގުރާ ފުޅިތައް އަތުރާފައި ހުއްޓެވެ. އެ ކައުންޓަރު ވަށާ ހިނގާލަމުން އެތަނުގައި އޮތް ފުޅި ކަނޑާ އެއްޗެއް ނަގަން އުޅުމުގެ ތެރޭގައި ކައުންޓަރު ކައިރިއަށް ވެއްޓުނެވެ. އޭތި ނެގުމަށް އޭނާ ތިރިވީ ތަނާ މަޑު ފިޔާތޮށި ކުލައިގެ ބޭސް ގުޅައެއް އޭނާ ލޮލުގައި އަޅައިގަތެވެ. އެ ގުޅަ ނަގާ ބަލާލުމުންވެސް އެއީ މަސްތުވާ ޒާތުގެ އެއްޗެއްކަން އޭނާއަށް އެނގުނެވެ. އެއާއެކު ޖީބުން ރަބަރު ކޮތަޅެއް ނަގާ އެއަށް އެ ގުޅަ ވައްޓާލިއެވެ. އަދި ތިރިއަށް ދެވެން ހުރި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.
“ތެންކްޔޫ ފޯރ ދި ކޯޕޮރޭޝަން. އަދިވެސް ގުލާލަން ޖެހިދާނެ..” ޝުޖާއުގެ ކަނާއަތް އާޒިމްއާއި ދިމާލަށް ދިއްކޮށްލީ ސަލާމް ކުރާށެވެ. ނަމަވެސް އެ އަތުގައި އޭނާއެއް ނުހިފިއެވެ. ޝުޖާއުއާއި ދިމާލަށް ލޯ ކުޑަކޮށްގެން ހުރީއެވެ.
“ނޯ ޕްރޮބްލެމް..” އެންމެ ފަހުން އަޒާން ޝުޖާއުއާއި ސަލާމް ކުރިއެވެ. އެއާއެކު ފުލުހުންގެ ޓީމު އެމީހުން އައި ލޯންޗުގައި ނައްޓާލިއެވެ. އެއާއެކު އަޒާން ބަލާލީ އޭނާގެ ބައްޕައާއި ދިމާލަށެވެ. އޭނާގެ ބައްޕަ ސިއްރުން ކަމެއް ކުރަނީ ބާއޭ ހިތަށް އެރިއެވެ. އަދި އީމާ ގޮވައިގެން ސަފާރީއަށް އައީ ކީއްކުރަންތޯ ބައްޕަ ގާތު އަހާލަން ބޭނުންވިިއެވެ. ނަމަވެސް އެފަދަ ސުވާލެއް އޭނާގެ ބައްޕައާއި ކުރިމަތި ކުރުވާކަށް އަޒާންއަކަށް ނުކެރުނެވެ. އެ ސުވާލުގެ ޖަވާބު އޭނާ އަމިއްލައަށް ހޯދުމަށް އަޒާން ނިންމިއެވެ.
ސްކޫލު ގޯތިތެރޭގައި ގިނަ އަދަދަކަށް ކުދިންނާއި ބެލެނިވެރިން ހަރަކާތްތެރިވަމުން ދިޔައެވެ. ދުވަހަކީ ޓާމުގެ އެންމެ ފަހު ދުވަސް ކަމުން ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުނެވެ. ރަސްމިއްޔާތު ނިންމާލުމަށް ފަހު އިޒާނީ އައީ އޭނާގެ ދަރިވަރުން ގޮވައިގެން ކުލާސްރޫމަށެވެ. އިޒާނީގެ ދަރިވަރުންނަކީ ކުޑަ ކުދިން ކަމުން، އެކުދިންނަށް ދިނުމަށް ހާއްސަ ހަދިޔާއެއް އިޒާނީ ތައްޔާރު ކޮށްފައި ހުއްޓެވެ. އެ ހަދިޔާތައް ބަހަމުން ދިޔަ އިރު އޭނާގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އެކަމުންވެސް އަންގައިދެނީ އޭނާގެ ހިތުގައި އެކުދިންނަށްޓަކައި އޮތް ލޮއެއްބެވެ.
“އެންޖޯއި ޔުއަރ ހޮލިޑޭސް. އައި ވިލް މިސް ޔޫ އޯލް ސޯ މަޗް.” ހުރިހާ ކުދިންނަށް އަޑު އިވޭނެހެން އިޒާނީ ބުނެލިއެވެ. ކޮންމެ ކުއްޖަކުވެސް ނިކުންނަމުން އިޒާނީއާއި ސަލާމްކުރިއެވެ. އަނެއްކާވެސް އަވަހަށް ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ. އިޒާނީ އެކުދިންނާއި ސަލާމް ކުރަމުންދިޔަ ތަން ބަލަން ދުރުގައި އިނާން ހުއްޓެވެ.
މިއަދު އިޒާނީ ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އާންމުކޮށް މަތިކޮޅާއި ފަޓުލޫނުގައި ފެންނަ އިޒާނީ އެހުރީ ދަނބު ކުލައިގެ ދިގު މެކްސީ ހެދުމެއްގައެވެ. އަތް ދިގުކޮށް ފަހާފައި ހުރި ހެދުން މާ ބޮޑަށް ޖަރީކޮށްފައެއް ނެތެވެ. އެހެނަސް އުނަގަނޑާއި ދިމާލުން ރިހި ކުލައިގެ ހިމަ ބެލްޓެއް އަޅާފައި ހުއްޓެވެ. އަދި އެއާއި ގުޅޭނޭހެން އިޒާނީ އަރައިގެން ހުރީވެސް ރިހި ކުލައިގެ އުސް ފައިވާނަކަށެވެ. ބޮލުގެ އިސްތަށިގަނޑު އޮމާންކޮށް ހުޅިއެއް ޖަހާފައި ހުއްޓެވެ. އަދި އޭނާ މާ ބޮޑު މޭކަޕެއް ކޮށްފައެއް ނެތެވެ. އިނާން އިޒާނީއަށް ބަލާ ފޫހި ނުވާ ކަހަލައެވެ. އޭނާއަށް އެހެން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.
“ސަރ.. ސަރ…” އިނާން ސިހުނީ އޭނާގެ ކޮނޑުގައި މީހަކު ހިފާ ތަޅުވާލުމުންނެވެ. ކައިރީގައި ހުރީ އިސްލާމް މުދައްރިސެއް ކަމަށްވާ ނަދީމްއެވެ.
“ކީކޭ؟” އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށް އޭނާ މަސައްކަތް ކުރިއެވެ.
“ލަންޗަށް ދާންވެގެން އެންމެން އެބަ ކިޔާ. ސަރ ނުދާނަންތަ؟” ނަދީމް އަހާލިއެވެ. އެއާއެކު ދާނަމޭ ބުނެ އިނާން އަނެއްކާވެސް ބަލާލީ އިޒާނީގެ ކުލާސްރޫމާއި ދިމާލަށެވެ. އިޒާނީ ނިކުމެގެން އެމީހުންނާއި ދިމާލަށް އަންނަ ތަން އޭނާއަށް ފެނުނެވެ. އެވަގުތު ހިނދުކޮޅަކަށް އިނާންގެ ހިތުގެ ތެޅުން ހުއްޓުނުހެން ވެސް ހީވިއެވެ. މަޑު ހިނގުމެއްގައި އައިސް އޭނާ އިނާންމެން ގާތު މަޑުކޮށްލިއެވެ. އެވަގުތު ދުވި ޑިއޯރ ސެންޓުގެ ވަހުން އިނާންއަށް ހަށިފުރާ ނޭވާ ދަމާލެވުނެވެ.
“ލަންޗަށް ދާން ވާނެ އެއްނު، އިޒޫ މިސް..” އިނާންއަށް އަނގައިން ނުބުނެވި އުޅެނިކޮށް ނަދީމް ވާހަކަ ދައްކަން ފެށިއެވެ. އެއާއެކު އިޒާނި މައާފަށް އެދުނެވެ. އަދި ދެވެން ނެތް ވާހަކަ ބުނެލިއެވެ.
“ސޮރީ އޭ… ކުރިން ނުބުނަމެއްނު. މިހާރު ބަލާ އަންނަންވެސް ގުޅައިފިން.” އިޒާނީ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. ޒަޔާން އަންނަ އިރު އިނާން ގާތު ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ވަރަށް ހަމަޖެހިލައިގެން އުފާވެރި ޗުއްޓީއެއް ހޭދަކޮށްލާށެވެ.
އެޕާޓްމަންޓް ދޮރު ހުޅުވާލުމާއެކު އިޒާނީ ދުވެފައި ގޮސް ވަނީ ފާހާނާއަށެވެ. ނިކުތް އިރު ޒަޔާން އިނީ އިޒާނީގެ ފޯނު ހިފައިގެންނެވެ. އޭނާ މޫނަށް ވައްތަރެއް ޖައްސާލީ ޒަޔާން އަދިވެސް އޭނާއަށް އިތުބާރު ނުކުރާކަން ހިތަށް އެރުމުންނެވެ. އިޒާނީ ދުރުގައި ބަލަން ހުރުމުން ޒަޔާން އޭނާއަށް ގޮވާ ގެނެސް ކައިރީގައި ބޭންދިއެވެ.
“މާދަމާ ފުރަން ރެޑީވޭ.” ޒަޔާން ބުނެލިއެވެ. އެއާއެކު އިޒާނީ އޭނާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަދި ދަނީ ކޮންތާކަށް ތޯ އިޒާނީ އަހާލިއެވެ.
“ވެކޭޝަންއަށް.. ފައިވް ޑޭޒް، ފޯ ނައިޓްސް.” ޒަޔާން އެހެން ބުނެލުމާއެކު އިޒާނީގެ މޫނު އުޖާލާ ވެގެންދިޔައެވެ. “މާދަމާއިން ފެށިގެން ޔާންވެސް ޗުއްޓީ..” ޒަޔާން ބުނެލިއެވެ. އެއާއެކު އިޒާނީ ވީ އުފަލުން ޒަޔާން ގައިގައި އޮޅުލައިގަތެވެ. އެ ދަތުރަކީ ޒަޔާން މާ ކުރިންސުރެ ރާވަމުން އައި ދަތުރެއް ކަމަށް އޭނާ ބުނެލިއެވެ. ނަމަވެސް ދަނީ ކޮން ތަނަކަށް ކަމެއް ނުބުންޏެވެ.
‘ތެންކްޔޫ ބޭބް..” އިޒާނީގެ ހިތުގައި އުފެދުނު ޝަކުވާތައް އިސާހިތަކު ފިލައިގެން ދިޔައެވެ. އަދި ކުރިޔަށް އޮތް ދުވަސްކޮޅު އެކުގައި ހޭދަ ކޮށްލެވުމުން ދެމީހުންގެ ގުޅުން އިތުރަށް ހަރުދަނާ ވާނެކަމަށް އޭނާ އުންމީދުކުރިއެވެ. ޒަޔާން ކުރަމުންދާ ޝައްކުތައްވެސް ފިލައިގެން ދާނެ ކަމަށް އޭނާ އުންމީދުކުރިއެވެ.
ދަރަވަންދޫ ޑޮމެސްޓިކް އެއާރޕޯޓުގައި ބޯޓު ޖެއްސުމާއެކު އިޒާނީއަށް ލިބިގެން ދިޔައީ ބަޔާން ނުކުރެވޭ ފަދަ ހިތްހަމަޖެހުމެކެވެ. ބޯޓުން ފޭބުމަށްފަހު އޭނާގެ ލޮލުގައި އަވި އައިނު ހެޔޮވަރުކޮށްލިއެވެ. ލަގެޖް ހިފައިގެން ނިކުތް އިރު އިޒާނީމެން ދާން ހަމަޖެހިފައި އޮތް ރިސޯޓުގެ މުވައްޒަފަކު ހުއްޓެވެ. އޭނާގެ އިރުޝާދުގެ މަތިން، ގެނައި ދެ ފޮށި ހިފައިގެން އެމީހުން ގޮސް ދެ މީހުން ބަހަށް އެރިއެވެ. އެމީހުންނާއި އެކު ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ތިއްބެވެ. ބަސް ދުއްވާފައި ދިޔަ އިރު އިޒާނީ އިނީ ކުޑަދޮރުން ބޭރު ބަލާށެވެ. މިއީ ރާއްޖެތެރޭގެ ރަށަކަށް އޭނާ އައި ފުރަތަމަ ފަހަރެވެ. ރަށުގައި މަޑު ނުކުރި ނަމަވެސް އެރަށުގެ ރީތިކަން އެ ކުޑަ ވަގުތުކޮޅުންވެސް އޭނާއަށް އެނގުނެވެ.
ކަނޑުގެ ލޮނުގަނޑު ކަފަމުން ގޮސް ލޯންޗު މަޑުކޮށްލީ ބާ އަތޮޅުގެ މަޝްހޫރު ރިސޯޓެއްގެ ފާލަން ކައިރިއަށެވެ. އެންމެ ފުރަތަމަވެސް ލޯންޗުން ފޭބީ އިޒާނީއެވެ. އޭނާ އުފަލުން އުޅޭ ގޮތުން ހީވަނީ ކުޑަ ކުއްޖެއްހެނެވެ. އެތަން ފެނިފައި ޒަޔާން ގާތަށް ހިނި އަންނަ ގޮތްވިއެވެ. އިޒާނީއަށްް އޭނާގެ ބައްޕަގެ ރިސޯޓު ތަކަށް ކިތަންމެ ފަހަރަކު ދެވިފައި ހުއްޓަސް، އެ ދަތުރުތަކާއި މި ފަހަރުގެ ދަތުރު އެތަށް ގުނައެއް ތަފާތެވެ. މި ދަތުރުގެ އެންމެ ހާއްސަ ކަމަކީ ޒަޔާން އޭނާއާއި އެކު އައި ކަމެވެ.
ޗުއްޓީގެ ދުވަސްތައް ހޭދަކޮށްލުމަށް ޒަޔާން ހިޔާރުކޮށްފައި އޮތީ އެ ރިސޯޓުގެ މޫދު ގެއެކެވެ. އެތަނަށް ޒަޔާންމެންނަށް ދެވުމާއެކު އިޒާނީ ނިކުތީ މޫދާ ވީ ފަޅިއަށެވެ. އެ ފަޅީގައި ކުޑަ ޕޫލެއްވެސް ހުއްޓެވެ. ބޭރުގައި ތިބެވޭނެހެން ދެ ގޮނޑި ވެސް ބަހައްޓާފައި ހުއްޓެވެ. އަދި އޮށޯވެވޭނެހެން ކުޑަ އެދެއްވެސް ހުއްޓެވެ. މޫދު ގެތައް ކައިރި ކައިރީގައި ހުރި ނަމަވެސް ދެފަރާތުން ފަން ޖަހާ ނިވާކޮށްފައި ހުރުމުން އެތަނުގައި އުޅޭ މީހުންނެއް ނުފެނެއެވެ، މޫދުގެ ލޮނުވަސް ނޭފަތުން ދަމާލަމުން އިޒާނީ ލޯ މަރާލިއެވެ.
“ހެޕީތަ ބޭބީ؟” ޒަޔާން އައިސް ފަހަތުން އިޒާނީގެ އުނަގަނޑުގައި ދެއަތް ވަށާލިއެވެ. އަދި އިޒާނީ ލައިގެން ހުރި ޓީޝާޓުގެ އެއް ކޮނޑު ތިރިކޮށްލަމުން އޭނާގެ ތުންފަތް އިޒާނީގެ ކޮނޑުގައި ޖައްސާލިއެވެ. އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތް ކަން ޔަގީން ކުރުމަށް ފަހު އިޒާނީ ގައިގައި އޮޅުލައިގަނެގެން ގޮސް ޕޫލަށް ޒަޔާން ފުންމާލިއެވެ. އެހިނދު އިޒާނީގެ ތޫލި ހަޅޭކުގެ އަޑު އެތަނުގައި ގުގުމާލިއެވެ.
ބުރު ހަމަ ނޫނަސް ހަނދުގެ އަލިކަން މަޑެއް ނޫނެވެ. އުޑުމަތި ސާފުކަމުން ގިނަ އަދަދަކަށް ތަރި ފެންނަން ހުއްޓެވެ. ބީއްސަމުން ދިޔަ ރާޅުތަކުގެ މިޔުޒިކީ އަޑު މުޅި ސަރަހައްދުގައި ހަރުލާފައި ހުއްޓެވެ. ރާޅުފަށުގައި ހިނގަމުން ދިޔަ އިރު އިޒާނީ ހުރީ ޒަޔާންގެ އަތުގައި ހިފައިގެންނެވެ. އޭނާ ލައިގެން ހުރީ ތުނި ހެނދުމެކެވެ. ޖެހޭ ވައިރޯޅިއާއެކު ހެނދުން ވިހުރިލާއިރު ހީވަނީ ފިލްމެއްގެ މަންޒަރެއް ހެންނެވެ.
“ޔާން.. ލެޓްސް ހޭވް އަ ބޭބީ؟” އަތިތިމަތީ ބަހައްޓާފައި ހުރި ދިގު ގޮނޑިތަކުން ގޮނޑިއެއްގައި އިށީންނަމުން އިޒާނީ ބުނެލީ އޭނާ ކުއްޖަކު ހޯދަން ބޭނުންވާ ވާހަކައެވެ. އޭނާގެ ގިނަ ރަހުމަތްތެރިންވެސް މިހާރު އުޅެނީ އާއިލާ ފަށައިގެންނެވެ. ސްކޫލުގައި އޭނާއާއި އެކު އުޅޭ ގިނަ މުވައްޒަފުންގެވެސް ކުދިން ތިބެއެވެ.
“އުޅޭ ޓްރައި ކުރަން… މިތަން އޯކޭތަ؟” އިޒާނީ ގައި މައްޗަށް ތިރި ވަމުން ޒަޔާން ބުނެލިއެވެ. އޭނާގެ އަޑުގައި ހުރި ސަމާސާ ރާގު އިޒާނީއަށް ކަމަކު ނުދިޔައެވެ.
“އައިމް ސީރިއަސް..” ޒަޔާން ދުރަށް ކޮއްޕާލަމުން އިޒާނީ ބުނެލިއެވެ.
“މީ ޓޫ ބޭބް.. އައި ވޯންޓް އަ ބޭބީ ޓޫ.” ޒަޔާންވެސް ކުއްޖަކު ބޭނުންވާ ކަން އޭނާ ހާމަކުރިއެވެ. އެއާއެކު އިޒާނީގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. އެހިނދު އޭނާ އިން ތަނުން ތެދުވެ މޫދު ގެތަކަށް ދެވެން އޮތް ފާލަމާއި ދިމާލަށް ދުއްވައިގަތެވެ.
ހޮޓެލް ޖެންގައި އާޒިމް އިނީ އޭނާގެ ދެ އެކުވެރިންނާއި އެކުގައެވެ. ކޮންމެ މީހެއްގެ ކުރިމަތީގައި ކޮފީ ޖޯޑެއް ހުއްޓެވެ. ކުރިން ދުވަހު ސަފާރީގައި ހިނގި ހުރިހާ ކަމެއް އާޒިމް އެމީހުންނަށް ކިޔާދެމުންދިޔައެވެ. އޭނާ މިހާރު ރާވަމުން އެދަނީ އޭނާއާއި ދެކޮޅަށް ހުރި ހުރިހާ ހެއްކެއް ނައްތާލެވޭނެ ގޮތަކާއި މެދުގައެވެ. ސީސީޓީވީ ފުޓޭޖް ފޮހެލުމަށް އޭނާ ވަނީ ފުލުހަކަށް ފައިސާވެސް ހުށަހަޅާފައެވެ. ނަމަވެސް ޝުޖާއު ދެއްކި ވާހަކަ އިން އޭނާއަށް އެ ފުޓޭޖް ފެނިފައި ވާކަން އާޒިމްއަށް އެނގުނެވެ. އަދި އީމާގެ މެޑިކަލް ރިޕޯޓުތައްވެސް އޭނާ އަތުގައި ހުރިކަން އެނގެއެވެ.
“އޭނަ ދުއްވާލަންވީ.. އޭރުން ދެން މިކަމުން ސަލާމަތްވާނީ.. މާ ފުއްޕާފައޭ އުޅެނީ.” އާޒިމް އެންމެ ފަހުގެ ނިންމުން ހާމަކުރިއެވެ.
“އާޒިމް ކަލޭ މޮޔަވީތަ؟ މީހުން މެރުމުގެ ރެކޯޑެއް ހަދަންތަ ތިއުޅެނީ؟” އޭނާގެ އެކުވެރި ޒަރީރު ނުރުހުން ފާޅުކުރިއެވެ. “ފުރަތަމަ ޒައިނާ… އެމަންޖެ ކޮއްކޮވެސް ކިރިޔާ ސަލާމަތްވީ. ދެން އީމާ.. ދެން ތިބުނާ ޕޮލިސް ސޮރުވެސް މަރާލަންތަ ވީ މިހާރު؟” ޒަރީރު ދެއްކި ވާހަކައިން އާޒިމްގެ އަނދިރި ފަރާތް ހުޅުވުނު ކަހަލައެވެ.
“ޒައިނާ ނުކިޔާ… އޭނަ މަރުވީ އަމިއްލައަށް. އޭނަ ކޮއްކޮވެސް އުޅުނޭ ވަރަށް ފުއްޕާލާފަ….” އެހިސާބުން އާޒިމްގެ އަނގަ ބަންދުވިއެވެ. އިޒާނީ ވީ ޒަޔާންއާއި އެކު ކަން އޭނާ ހަނދާންވީއެވެ. ޒަޔާން ބުނި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. (ނުނިމޭ)