ބައިނަލް އަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި މިއަދު ޕީސް ކޭބަލް ކުޅުދުއްފުށި ސިޓީއަށްއަށް އެއްގަން ކޮށް، އެރަށުގައި ގާއިމް ކޮށްފައިވާ އުރީދޫގެ ލޭންޑިންގް ސައިޓާއި ގުޅާލާފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަރނޭޝަނަލް ސަބަމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރ ގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވެއެވެ.
މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އާދަމް ޝަރީފެވެ.
ބައިނަލްއަގްވާމީ މި ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް އަދި އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެއެވެ. އުރީދޫ މޯލްޑިވްސް އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ.
އަދި މި ކޭބަލްއާއި އެކު 5ޖީގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ އެވެ.
އާ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިހްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސް އަށް އަޅުގަނޑުމެން ވަރަށް ޝުކުރު ދަންނަވަން. އުއްމީދަކީ ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ އަޅުގަނޑުމެންގެ މުޖުތަމައަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި މަންފާ ލިބުން.” ކުޅުދުއަފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވިއެވެ.
އުރީދޫއިން ދެކޭ ގޮތުގައި ޕީސް ކޭބަލްގެ ލޭންޑިންގ ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގައި އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ.
ހައިޕަސްކޭލަ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ އެވެ.