ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބުން މުހިއްމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާ ދުވަސް ވެގެންދިޔައިރު ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް އިންސާފު ލިބެންޖެހޭ ކަމަށެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށާއި އެމަނިކުފާނަށް ޝަރުއީ ދާއިރާ އިން އިންސާފު ލިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
“ޖުޑިޝަރީ އެ ހިނގަނީ އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި. އެހެންވީމާ އެމަނިކުފާނަށް ވެސް އިންސާފު ލިބުމަކީ މި ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް. އެމަނިކުފާނަށް ވެސް އޮތް އެންމެ އިންސާފުވެރި ގޮތް،” ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ޝަރުއީ ދާއިރާގެ ތެރެއިން ޔާމީނަށް ދާދި އަވަހަށް އިންސާފު ލިބުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އެމަނިކުފާނުގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ވެސް ކުރީގެ ސަރުކާރުންނެވެ. މި ސަރުކާރުން ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.