ވިޔަފާރި ބޭނުމަށް ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ އިފުތިތާހުކޮށްދެއްވައިފި

ޚަބަރު ފަހުގެ

އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ގޭގައި ތިބެގެން މަސައްކަތްކުރައްވާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް، މިއަދު އިފުތިތާޙުކޮށްދެއްވި ލޯގޯ އާއެކު ފުރުޞަތު ފަހިވެގެންދާނެކަމަށެވެ. އަދި ޚާއްޞަކޮށް ކަނބަލުންގެ ވިޔަފާރިތަކަށް މިކަމުން ފައިދާ ލިބިގެންދާނެ ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މި ލޯގޯގެ މަޤުޞަދުތަކުގެ މައްޗަށް ވެސް މެޑަމް ސާޖިދ އަލިއަޅުވައިލެއްވިއެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމް.އެފް.ޑީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެތަކެތީގެ ރައްކާތެރިކަމާމެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ލޯގޯ ތައްޔާރުކުރުމުގެ މަސައްކަތް ބީ.ސީ.ސީ. އިން އިސްނަންގަވައިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއެކު ކުރެއްވިކަމީ، އާމްދަނީ ހޯދުމަށްޓަކައި ގޭގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ފައިދާކުރާނެ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ކަމާގުޅޭ އިދާރާތަކުން މިގޮތަށް ގުޅިގެން ކުރާ މަސައްކަތްތަކުން ޤައުމުގެ ކުރިއެރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ޤާނޫނަކަށްވެ އެ ޤާނޫނު ތަންފީޒުވެގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި މިކަމުން ރައްޔިތުންގެ ފައިދާއަށާއި ޤައުމުގެ ކުރިއެރުމަށް މަގުފަހިކުރެވިގެން ދާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ. “އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު” ބީ.ސީ.ސީ. އިން އެކުލަވައިލައި މިހާރު ވަނީ ގެޒެޓުކޮށްފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ