ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކޮށް ލަސްކުރާތީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް، މި މަހުގެ 12 ވަނަ ދުވަހު ތަސްދީގުކުރަން ރައީސަށް ފޮނުވާފައިވާ ކަމަށެވެ.
ބިލު ފޮނުވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ތަސްދީގުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ރައްޔިތުންނަށް ލިބިފައިނުވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށް ތަސްދީގުކުރަން ފޮނުވި ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ވާހަކަފުޅުތަކުގައި އިންތިހާބު އޮންނާނީ 17 މާޗުގައި ކަމަށް ވިދާޅުވެފައިވާ ކަމަށާއި ސަރުކާރުން މިގޮތަށް ކަންކުރަނީ އަމިއްލަ މަންފާއަކަށް ކަމަށް ވެސް ވަހީދު ހުށަހެޅުއްވި މައްސަލާގައި ތުހުމަތުކޮށްފައިވެ އެވެ.
ބިލު ފާސްކުރީ ސަރުކާރު މެންބަރުންގެ ވެސް ތާއީދާ އެކު ކަމަށާއި ބިލު ތަސްދީގުނުކޮށްފި ނަމަ ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ދިމާވާކޮންމެކަމަކަށް ކުއްލިމަސްއަލަހުށަހަޅާ ހެދުމަކީ ޒިންމާދާރުކުޑަކަމެއް.ބިލެއްތަސްދީގު ނުކޮށްފިނަމަ އެކަމަށްވެސްގަވާއިދެއްއޮވޭ.