ޗެލްސީ ބަލިވިއިރު، ސިޓީ އެއްވަރުވެއްޖެ

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ވުލްވްސް އަތުން ޗެލްސީ ބަލިވިއިރު، ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ވުލްވްސް އަތުން ޗެލްސީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ހަތަރު ދުވަސް ތެރޭ ޖެހިޖެހިގެން ޗެލްސީ ބަލިވި ދެވަނަ މެޗެވެ.

އިޝްތިހާރު
އިޝްތިހާރު

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާށފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫޑެވެ. އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ޑެނިއަލް ޕޮޑެންސް ކާމިޔާބުކޮށްދިން ލަނޑާއެކު ވުލްވްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މި މެޗުން ވުލްވްސް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ފަސްވަަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ޖެހި ލަނޑުންނެވެ.

މި މެޗުން ބަލިވުމުން ޗެލްސީ ވަނީ ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ. އެ ޓީމު ފަސްވަނައިގައި އޮތީ 13 މެޗުން 22 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ އަތުން މޮޅު ވުލްވްސް އޮތީ 13 މެޗުން 20 ޕޮއިންޓް ހަމަކޮށް ތާވަލުގެ 10 ވަނައިގައެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ސިޓީ އާއި ރެލިގޭޝަނުގައި އޮތް ވެސްޓް ބްރޮމް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ވެސްޓް ބްރޮމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ދިން ބޯޅައަކުން ސިޓީއަށް ލީޑު ނަގައިދިނީ އިލްކާއި ގުންޑޮގާނެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވެސްޓް ބްރޮމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ސިޓީގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން ލިބުނު ޕޮއިންޓަކާއެކު ސިޓީ އޮތީ ތާވަލުގެ ހަވަނައިގައި 12 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. އަދި ސިޓީއާ އެއްވަރުކުރި ވެސްޓް ބްރޮމް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 13 މެޗުން ހަތް ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ