އިންޑިއާ ސިފައިން ބޭލުމުގެ ފުރަތަމަ މަރުހަލާ ފަށައިފި

ޚަބަރު ފަހުގެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން، އައްޑޫގައި ތިބި އިންޑިއާ ސިފައިން ފޭބުމުގެ ފުރަތަމަ މަރުހަލާ ފަށާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެެއެވެ.

ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންޑިއާގެ 3 އޭވިއޭޝަން ޕްލެޓްފޯމްގެ ތެރެއިން 1 ޕްލެޓްފޯމްގައި ތިބި އިންޑިއާ ސިފައިން 10 މާޗުގެ ކުރިން ރާއްޖެއިން ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ދިފާއީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގަމުގައި ސްޓޭޝަންކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ޤާއިމްވެފައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވުމަށް އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްނުވާ ކުރޫއިން މިއަދު ހަވީރު ރާއްޖެ އައިސްފައިވާކަމަށެވެ. އަދި އެ ޓީމު މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ގޮސް، މަސައްކަތްތަކާއި ހަވާލުވުމުގެ މަސައްކަތް ފުރިހަމަކުރަން ފަށާނެކަމަށްވެސް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވީ ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ޤާއިމްވެތިބި އިންޑިއާގެ ސިފައިން ދިވެހިރާއްޖެއިން ފައިބާނެކަމަށެވެ. މީގެއިތުރުން އައްޑޫ ސިޓީގައި އޮޕަރޭޓްކުރަމުންދިޔަ އިންޑިއާގެ ހެލިކޮޕްޓަރުވެސް މަރާމާތަށް އިންޑިއާއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބަޔާނުގައިވެއެވެ. އަދި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު ބުދަދުވަހު ރާއްޖެ އަންނާނެކަމަށްވެސް ދިފާއީ ވުޒާރާއިން ވިދާޅުވެއެވެ.

އައްޑޫގެ އިތުރުން، ލ.ކައްދޫ އަދި ހދ.ހަނިމާދޫގައި ތިބި އިންޑިއާ ސިފައިންވެސް 10 މޭގެ ކުރިން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ކުރިއަށްގެންދަންޖެހޭ މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ދިފާއީ ވުޒާރާއިން ވިދާޅުވެއެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެހެން، ރަހުމަތްތެރި ޤައުމުތަކާއެކު ދިފައީ އަދި ސަލާމަތާއި ގުޅުންތައް ބަދަހިކުރުންކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ