ގދ.ވާދޫ ކައުންސިލާ ގުޅޭ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ ކައުންސިލަރުން ސަސްޕެންޑުކޮށްފި

ޚަބަރު ފަހުގެ

ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން ގދ.ވާދޫ ކައުންސިލާ ގުޅޭ ގޮތުން ބެލި 27 މައްސަލައަކާ ގުޅިގެން އެ ރަށު ކައުންސިލު ސަސްޕެންޑުކުރުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.

އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން އެ އޮތޯރިޓީން ވާދޫ ކައުންސިލާމެދު ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކިއުރީއަކީ ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މިނިސްޓަރުގެ ހުއްދައާއެކު ހެދި އިންކިއުރީއެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލައާ ގުޅިގެން ހެދި އިންކުއިރީގައި ކައުންސިލުގެ މެންބަރުންނަށް ޖަވާބުދާރީވުމަށް ރަސްމީ 7 ދުވަހުގެ ފުރުސަތު ދިނުމާއެކު، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި މަސައްކަތްކުރާ ކައުންސިލުގެ މުވައްޒަފުންނާއި ކައުންސިލަރުންގެ ބަޔާންތައް އިންކުއިރީއަށް ނަގާފައިވާކަމަށްވެސް އެލްޖީއޭއިން ބުންޏެވެ. އަދި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ކައުންސިލުން ހޯދިކަމަށްވެސް ބުނެފައިވެއެވެ.

ވާދޫ ކައުންސިލާ ގުޅިގެން ފާހަގަކުރެވުނު 27 މައްސަލަ:
– ގދ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
– ލާމަރުކަޒީ ޤާނޫނާއި އިޖުރާއީ ގަވާއިދާއި އެއްގޮތަށް ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައިނުވުން.
– ކައުންސިލުގެ ބަޖެޓުން އިންކައިންޑް އަދި ފައިސާގެ ގޮތުގައި މާލިއްޔަތުގަ ގަވާއިދާ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޚަރަދު ކުރުން
– J-GOM ފަންޑުގެ ތެރެއިން ބޮޑު އަދަދެއް އަނެއް އަހަރުގެ J-GOM ފަންޑުގެ ތެރެއަށް ކެރީ ފޯވަރޑްކޮށްފައިވާކަން.
– މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
– ސިވިލް ސަރވިސްގެ ގަވާއިދުއާ އެއްގޮތަށް ކައުންސިލު އިދަރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައިނެތުން
– އިޖުރާއީ ގަވާއިދާ އެއްގޮތައް ކައުންސިލުއިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައި ނެތުން.
– ކައުންސިލުގެ އިދާރާގައި އާންމުން ވަނުންމަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން.
– ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިނުވުމާއި ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރުން
– ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން
– ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުއާ އެއްގޮތަށް ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި، ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް.
– ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ
– ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ
– ކައުންސިލު އިދާރާގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރަސްމީ ޗެނަލުން ބޭރުން، ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކްކުރާ މައްސަލަ
– ކައުންސިލުގެ ރައީސް، ކައުންސިލުގެ މުވައްޒަފުންނަކީ ދަށް ފަންތީގެ ބެއެއްކަމަށްބުނެ މުވައްޒަފުންގެ އަގުވެއްޓޭގޮތަށް މުވައްޒަފުންނާ ގުޅޭގޮތުން ދޮގު ވާހަކަތަކާއި ބޭއަދަބީ މެސެޖުތައް ކައުންސިލު ރަސްމީ ވައިބާ ގްރޫޕަށް ފޮނުވައި ސޯޝަލް މީޑިއާގައި އަދި ހޮޓާ ކެފޭތަކުގައި އެފަދަ ވާހަކަތައް ދައްކަމުންދާ މައްސަލަ
– ކައުންސިލު މުވައްޒަފުންނަށް އަޑުލައި ކަންކަމަށް މަޖުބޫރު ކުރުމާ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ
– ކައުންސިލު ބައްދަލުވުމުން ކަންކަން ނިންމުމުން އެކަންކަން ތަންފީޒުނުވާނެކަމަށް ބުނުމާއި، ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ
– ކައުންސިލުން ޤާނޫނު ނަންބަރު: 2010/7 (ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ.
– ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމާ، އެކި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ކުދި ކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ.
– ކައުންސިލު އިދާރާގެ ތެރޭގައި ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ
– ކައުންސިލަރުން ރަސްމީ ވަގުތާއި، ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ.
– ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ.
– ކައުންސިރުންގެ ފަރާތުން އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލަ.
– ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް ޢަމަލުތައް ބެހެއްޓުން.
– ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި، މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްނެތުން.
– ކައުންސިލުގެ ރައިސް ހިންހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން.
– ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ
އެލްޖީއޭއިން ބުނި ގޮތުގައި މި މައްސަލަތަކާ ގުޅިގެން އެ އޮތޯރިޓީން ހިންގި އިންކުއިރީން ޤާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެކަށީގެންވާ ގޮތެއްގައި ކައުންސިލުން އަދާކޮށްފައިނުވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވުމާއެކު، ކައުންސިލުގެ ވަސީލަތްތަކާއި ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ވާދޫ ކައުންސިލަރުން އަމަލުކޮށްފައިވާކަން އެނގޭ ކަމަށެވެ.

އަދި ކައުންސިލަރުންގެ ސުލޫކާ ޚިލާފު ބައެއް އަމަލުތައް ތަކުރާރުކޮށް ހިންގާފައިވާކަން ފާހަގަކޮށް އެލްޖީއޭއިން ބުނީ އެ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ އިންކުއިރީން ވާދޫ ކައުންސިލަރުންނާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމަކީ ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ގެއްލުންވާނެކަންކަން ކަމުގައި ފެންނާތީ ކައުންސިލުގެ މެންބަރުން ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސަަސްޕެންޑުކުރީ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުﷲއާއި، ކައުންސިލުގެ ނައިބުރައީސް ޙާޝިރު މުޙައްމަދާއި ކައުންސިލުގެ މެންބަރު މުހައްމަދު ޝިފާޤާއި ކައުންސިލުގެ މެންބަރު ސާރާ މުޙައްމަދު އަދި ކައުންސިލުގެ މެންބަރު މާރިޔަތު އިބްރާހީމެވެ.

ކައުންސިލުގެ ރައީސް ޙަސަން އަދި މެންބަރު ޝިފާޤު ސަސްޕެންޑުކޮށްފައިވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 3 މަސްދުވަހުގެ މުއްދަތަށެވެ. ކައުންސިލުގެ ނައިބުރައީސް ޙާޝިރުއާއި ކައުންސިލުގެ މެންބަރު މާރިޔަތާއި ކައުންސިލަރު ސާރާ ސަސްޕެންޑުކޮށްފައިވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 2 މަސްދުވަހުގެ މުއްދަތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ