އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ވިޓޯލް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވީ، އެއީ އެ ކުންފުނީގެ އާމްދަނީ އިތުރުކޮށް ފައިދާ އިތުރުކުރުމަށް ފަހި ފުރުސަތަކަށް ވާނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ގިނަ ވަޒީފާގެ ފުރުސަތުތަކެއް އިތުރު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވީ އެސްޓީއޯ އަކީ ވިޓޯލްއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުންފުންޏެއް ކަމަށާއި މި ފަދަ ބޮޑު ޕްރޮޖެކްޓަކީ ދެ ކުންފުނި ގުޅިގެން ހިންގަން އެންމެ ރަނގަޅު ޕްރޮޖެކްޓު ކަމަށެވެ. އަދި އެއީ ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏަކަށް ވުމުން މި ޕްރޮޖެކްޓުގައި ބޭނުންވާ ޓެކްނިކަލް އަދި ލޮޖިސްޓިކަލް އެހީ ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރާއްޖެ އަކީ ބަންކަރިން އަށް އެންމެ ފުރިހަމަ ސަރަހައްދެވެ. މިއީ ބޮޑެތި ގިނަ އުޅަނދު ފަހަރުތަކެއް ދަތުރު ކުރާ ސަރަހައްދަކަށް ވުމުން އިހަވަންދިއްޕޮޅަކީ މައި ބަންކަރިން ހަބެއްގެ ގޮތުގައި މަގުބޫލު ތަނަކަށް ވާނެ ކަމަށް ވެސް ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. އަދި މި ފަދަ ޕްރޮޖެކްޓެއް ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏާ އެކު ހިންގަން ލިބުމަކީ ލިބޭ ހިތް ހަމަޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓު ފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ. މީގެ ކުރިން މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އެންމެ އުތުރުގައި، ބަންކަރިން ހިދުމަތްތަކާއި އެ ސަރަހައްދުގެ ބޯޓުތަކަށް ބޭނުންވާ އިތުުރު ހިދުމަތްތައް ދިނުމަށް ސަަރުކާރުން ވިސްނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ދާދި ފަހުން ހއ. އަށް ކުރެއްވި ދަތުރުގައި މިނިސްޓަރު ސައީދު ވަނީ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ސަރުކާރުން ވެސް އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދޭން މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކުރި އެވެ. އެކަމަކު އެ އެއްބަސްވުން ވަނީ މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.