ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ

ޚަބަރު ފަހުގެ

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެެެއެވެ.

މިހާދިސާ އާއި ގުޅިގެން މީޑިއާ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލެ ފޭސް2 ހިޔާ ސަރަހައްދުގައި ޕެޓްރޯލްކުރަމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް އެޗް03 ކައިރީ ހުންނަ ޓްރާންސްފޯމަރު ތެރޭގައި ކަރަންޓުގައި ޖެހި، އަނިޔާތަކާ އެކު ވެއްޓިފައިވާ މީހަކު ފެނިފައިވާކަމަށެވެ. ރޭ ފަތިހު 4:07 ހާއިރު އެ މީހާ ފެނުމާއެކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިތުރަށް ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާ މި މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.

މި ހާދިސާގައި މަރުވީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މާލޭގެ އެކިއެކި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައިވަނީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިގެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު އަދި ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމުންކަމަށް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ