ފީފާ އެވޯޑް އެވޯޑް ހަފުލާ ކުރިއަށް ގެންގޮސްފި އެންމެ މޮޅު ކުޅުންތެރިޔަކަށް ލެވަންޑޮސްކީ

ކުޅިވަރު ފަހުގެ

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ދޭ ބެސްޓް އެވޯޑުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ހޯދިއިރު އެންމެ މޮޅު ކޯޗުގެ މަގާމް ލިވަޕޫލްގެ ޔާގެން ކްލޮޕަށް ލިބިއްޖެ އެވެ.

ސްވިޒަލެންޑުގެ ޒިއުރިޗްގައި ރޭ ބޭއްވުނު އެވޯޑް ހަފްލާގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ އާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ މޮޅު ގޯލަށްދޭ “ޕުސްކަސް” އެވޯޑާއި އަންހެން އަދި ފިރިހެން އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވަނީ ހޮވައިފަ އެވެ. މީގެ އިތުރުން ފޭން އެވޯޑާއި ފީފާ ފެއާ ޕްލޭ އެވޯޑުގެ އިތުރުން އަންހެން އަދި ފިރިހެން އެންމެ މޮޅު އެގާރަ ކުޅުންތެރިން ހިމެނޭ ފިފްޕްރޯ ޓީމު ހޮވާފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ލެވަންޑޮސްކީ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ޔުވެންޓަސް އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ބާސެލޯނާ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ ވާދަކޮށެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޮސްކީ އަށް ލިބުނުއިރު، އޭނާ ވަނީ ބަޔާން މިއުނިކާއި އެކު ޖަރުމަނު ބުންޑަސް ލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން އެ ދެމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

މީގެ އިތުރުން ބަޔާނުން ހޯދި ޖަރުމަނު ކަޕްގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކުރީ ލެވަންޑޮސްކީ އެވެ. ފީފާ އެވޯޑްގެ އިތުރުން ލެވަންޑޮސްކީ ވަނީ މިއަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ މެންޗެސްޓަރ ސިޓީ އާއި އިންގްލެންޑުގެ ލޫސީ ބްރޯންޒް އެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީ އާއި ޑެންމާކްގެ ޕާނިލޭ ހާޑާ އާއި ލިޔޯން އާއި ފްރާންސްގެ ވެންޑީ ރެނާޑް އެވެ.

އެންމެ މޮޅު ފިރިހެން ކޯޗުގެ އެވޯޑް ކްލޮޕަށް ލިބުމުގެ އެންމެ ބޮޑު ސަބަބަކީ 30 އަހަރަށް ފަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކުރުމެވެ. މި އެވޯޑަށް ކްލޮޕާ އެންމެ ގާތުން ވާދަކުރީ މިއަހަރު ބަޔާން މިއުނިކާ އެކު ފަސް ތަށި ކާމިޔާބުކޮށްފައިވާ ހަންސީ ފްލިކް އެވެ. މި ދެކޯޗުންނާ އެކު ނޮމިނޭޓްވީ ލީޑްސް ޔުނައިޓެޑާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ މާސެލޯ ބިއެލްސާ އެވެ. ފީފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމް މިދިޔަ އަހަރު ވެސް ހޯދީ ކްލޮޕް އެވެ. މިއަހަރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމް ލިބުނީ ނެދަލެންޑްސްގެ ސަރީނާ ވިއެގްމަން އަށެވެ. އޭނާއާ އެކު މި އެވޯޑަށް ވާދަކުރީ ޗެލްސީގެ އެމާ ހަޔެސް އާއި ލިޔޯންގެ ޖީން-ލޫކް ވަސެއާ އެވެ.

ޕުސްކަސް އެވޯޑް ލިބުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ދެކުނު ކޮރެއާގެ ތަރި ސޮން ހެއުން މިން އަށެވެ. އެވޯޑް ލިބުނު ސޮންގެ ގޯލަކީ މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި ލަނޑެކެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ ބަޔާން މިއުނިކާއި ޖަރުމަނުގެ ގޯލްކީޕަރު މަނުއެލް ނޯޔާ އެވެ. ނޯޔާއާ އެކު މި އެވޯޑަށް ވާދަކުރީ މިދިޔަ އަހަރު މަގާމް ހޯދި ލިވަޕޫލާއި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި އެތުލެޓިކޯ މެޑްރިޑާއި ސްލޮވީނިއާގެ ގޯލްކީޕަރު ޔަން އޮބްލަކް އެވެ.

ފިފްޕްރޯ ފިރިހެން ޓީމުގައި އެންމެ ގިނައީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. މި ޓީމުގައި ހިމެނުނު އެގާރަ ކުޅުންތެރިންނަކީ ގޯލްކީޕަރު އެލިސަން ބެކާ، ޓްރެންޓް އަލެކްޒަންޑަ-އާނޯލްޑް، ވާޖިލް ވެން ޑައިކް، ސާޖިއޯ ރާމޯސް، އަލްފޮންސޯ ޑޭވީސް، ޖޯޝުއާ ކިމިޗް، ކެވިން ޑި ބްރޭނާ، ތިއާގޯ އަލްކަންޓާރާ، ލިއޮނަލް މެސީ، ރޮބާޓް ލެވަންޑޮސްކީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އިނގިރޭސި ވިލާތުގެ ސްކޫލް ދަރިވަރުންނަށް ހިލޭ ކޮއްތު ފޯރުކޮށްދިނުމަށް ސަރުކާރަށް ޕްރެޝަރުކޮށް އެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފާޑަށް ފީފާ ފައުންޑޭޝަން އެވޯޑް ދީފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ