ފުނަދޫ އާއި ޅައިމަގުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި

ޚަބަރު ފަހުގެ

ށ. ފުނަދޫގައި އާއި ށ. ޅައިމަގުގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމާ ކޮމިޝަން ކޮށްފިއެެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެ ރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ނިންމާ ކޮމިޝަން ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ކޮމިޝަން ކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްއީ) އާއި އެ ވުޒާރާގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވި ކަމަށްވެސް ބުނެފައިވެއެވެ.

ފުނަދޫ އާއި ޅައިމަގުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ ސަރުކާރުން 2021 ވަނަ އަހަރުގެ މާރިޗު މަސް ތެރޭގައެވެ. މި މަސައްކަތް ހަވާލުކުރީ އިންޑިއާގެ ވިޝްވަރާޖް އެންވިރޮންމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ މިދިޔަ ސަރުކާރުން ރާއްޖޭގެ 16 އަތޮޅެއްގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކުރިއިރުއެވެ.

އިންޑިއާގެ ވިޝްވަރާޖް އެންވިރޮންމެންޓް ޕްރައިވެޓް ލިމިޓެޑާ 2021 ވަނަ އަހަރު ޙަވާލުކޮށްފައިވަނީ ހއ.ކެލާގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ، ހދ.ވައިކަރަދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާ ށ.ޅައިމަގުގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، ހއ.ބާރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި ށ.ފުނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ، ނ.މަނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 20 މަސްދުވަހާއި 26 މަސްދުވަހާއި ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށެވެ. މި 6 ރަށުގެ މަސައްކަތަށް 18،489،229.90 ޑޮލަރު ހޭދަވެއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ