ގާފަރު ފަޅުގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް، ރިސޯޓް ހަދަން 16 ރަށް ހިއްކަނީ

ޚަބަރު ފަހުގެ

ކ. ގާފަރު ފަޅުގައި ޕްރައިވެޓް އައިލެންޑާއި ލަގްޒަރީ ރިސޯޓް ތަރައްގީކޮށް، ޓޫރިޒަމްގެ ބިޔަ މަޝްރޫއަކަށް 16 ރަށެއް ހިއްކަން ނިންމައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން އެ މަސައްކަތް ފަށައިފި އެވެ.

ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމަށް އެމްއެފްއެމްސީ އިން މިއަދު ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރާނެ ކަމަށް އެމްއެފްއެމްސީ އިން ބުންޏެވެ. އަދި މީގެ އިތުރުން ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިން ވެސް ހިއްކާނެ އެވެ.

ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ މި ބިޔަ މަޝްރޫއުއަކީ ކ. އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކާ އެންމެ ފުރަތަމަ މަޝްރޫއު އެވެ.

އެއްބަސްވުމުގެ ދަށުން ރަށްތައް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36 މިލިއަން ޔޫއެސް ޑޮލަރު ހަރަދުވާނެ އެވެ. އަދި މީގެތެރެއިން، ހިއްކުމުގެ މަސައްކަތަށް ތިން މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ކިއުބިކް މީޓަރަކަށް 7.8 ޔޫއެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ހަރަދުވާނެކަމަށް ބެލެވޭ ކަމަށް އެމްއެފްއެމްސީ އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގާ ހިއްކުމުގެ މަޝްރޫއުތަކަށްދާ ހަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެކެވެ.

މި މަސައްކަތަށް ދާ ހަރަދު އެމްއެފްއެމްސީން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމުމަށް ފަހު އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެންނެވެ.

ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަ ޕްލޭން ނިމިފައިވާ އިރު، މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކާ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ މަޝްރޫއު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ